ޚަބަރު

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ސަރުކާރުން މިއަދު ހުޅުއްވާލައްވައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ ތިރީސްވަނަދުވަހުގެ މެންދުރު 14:00ގެ ނިޔަލަށް. މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުއްވާލައްވާފައި މި ވަނީ މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ މަގާމް ހުސްވެފައިވާތީއެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑު މެންބަރަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، އިފްލާސް ކުރެވިފައިވާ މީހަކު ކަމުގައި ނުވުމާއި، ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުންވެސް ހިމެނެއެވެ. މީގެ އިތުރުން މާލީ، ޓެކްސް، ވިޔަފާރިއާއި އިޤްތިޞާދު ނުވަތަ ޤާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީގޮތުން ބައިވެރިވެވޭވަރުގެ ޤާބިލު ފަރާތެއްކަމުގައިވުންވެސް ހިމެނެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ދާދިފަހުން ގެނައި އިޞްލާހުގައިވަނީ މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޢަދަދު 7 އަށް އިތުރުކޮށް ބޯޑުގެ ދައުރަކީ ފަސް އަހަރު ދުވަސްކަމަށް ކަނޑައަޅާފައެވެ.

މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަތުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހުޅުވާލާފައެވެ.