ޚަބަރު

3 ކިލޯއަށްވުރެ ގިނަ ކެނަބިސް ހިފައިގެން ރާއްޖެ އެތެރެވި ބަންގްލަދޭޝް މީހަކު އަތުލައިގެންފި


ބަންގްލަދޭޝް އިން ރާއްޖެ އެތެރެވި މީހެއްގެ އަތުން 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ވިދާޅުވީ މަސްތުވާތަކެއްޗާއި އެކު އަތުލައިގެންފައިވަނީ އުމުރުން 36 އަހަރުގެ ފިރިހެންނެއް ކަމަށެވެ. އަދި މީ މީހާއަކީ ބަންގްލަދޭޝް ރައްޔިތެއްކަމަށާއި މި މީހާ އާއި މެދު ޝައްކުރެވިގެން ބަލާ ފާސްކުރަނިކޮށް މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ ލަގޭޖްގެ ތެރެއިންކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ.

މިމިހާ އަތުން ފެނުނު މަސްތުވާތަކެތި ޓެސްޓްކުރުމުން ކެނަބިސްއަށް ޕޮޒިޓިވްވެފައިވާކަމަށާއި މިތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ނުވައްލައްކަ ސާޅީސް އަށް ހާހަށް އަރާނެކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ.

މި މައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް 28 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.