ޚަބަރު

އަފްޣާނިސްތާނުގައި ތިބޭ އދގެ ސިޔާސީ މިޝަނުގެ މުއްދަތު އިތުރުކޮށްފި


އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އދގެ ސިޔާސީ މިޝަނުގެ މުއްދަތު އިތުރުކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ނިންމައިފިއެވެ.

މި މިޝަނުގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރުކުރުމަށް ގޮވާލާ އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު އެ މަޖިލީހުގައި ފާސްވެފައިވަނީ 15 މެމްބަރު ޤައުމުގެ ފުރިހަމަ އަޤްލަބިއްޔަތުންނެވެ. މިއާއެކު، މި މިޝަނުގެ މަސައްކަތްތަށް 2020ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށް އދގެ ޑިޕްލޮމެޓުންވަނީ ބުނެފައެވެ.

މިޤަރާރުގެ ވޯޓަށްފަހު އދގެ ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އދގެ ސިޔާސީ މިޝަނުގެ މައިގަނޑު މަޤްސަދަކަށްވާނީ އަފްޣާނިސްތާނުގައި މިހާރު ކުރަމުންދާ ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ އަފްޣާނިސްތާނުން ބޭނުންވާ ގޮތަށް އެ ޤައުމުގެ ރައްޔިތުން އިސްވެ ތިބެ ކުރާ މަސައްކަތްތަކަކަށް ހެދުންކަމަށެވެ. އަދި މި އަހަރުގެ ފަހުކޮޅު އަފްޣާނިސްތާނުގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކަންކަން އިންތިޒާމުކޮށް އެކަމާގުޅޭ ކަންކަން ވީހާވެސް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އެ ޤައުމުގެ ކަމާގުޅޭ ފަރާތްތަކަށް އދގެ ސިޔާސީ މިޝަނުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެކަމަށްވެސް އދގެ ސަލާމަތީ މަޖިލީހުންވަނީ ބުނެފައެވެ.

އދން އަފްޣާނިސްތާނަށް ސިޔާސީ މިޝަނެއް އެންމެ ފުރަތަމަ ފޮނުވާފައިވަނީ 2002ވަނަ އަހަރުއެވެ.