ޚަބަރު

ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތެޔޮ އުފައްދާ މިންވަރު އިޔާދަކުރާނަން: ސަޢުދީ


މިދިޔަ ހޮނިހިރު ދުވަހު ސަޢުދީ ޢަރަބިއްޔާގެ ތެލުގެ ސިނާޢަތަށް ދިން ވަރުގަދަ ޙަމަލާއަށްފަހު އެ ޤައުމުން ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ މިންވަރު ދެބައިކުޅަ އެއްބައި މަދުވި ނަމަވެސް، ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތެޔޮ އުފައްދާ މިންވަރު މުޅިން އިޔާދަކުރާނެކަމަށް އެ ޤައުމުގެ ތެލާބެހޭ ވުޒާރާއިން ބުނެފިއެވެ.

ސަޢުދީ ޢަރަބިއްޔާގައި ތެޔޮ ސާފުކުރާ މުހިއްމު ކާރުޚާނާއަކާ އެ ޤައުމުން އެންމެ ބޮޑު އެއް ތެޔޮ ދަނޑަށް އަމާޒުކޮށް ހޮނިހިރު ދުވަހު ދިން ޙަމަލާގެ ޒިންމާ އުފުލާފައިވަނީ ޔަމަނުގައި އެ ޤައުމުގެ ސަރުކާރާ ހަނގުރާމަކުރަމުންދާ އިދިކޮޅު ހޫޘީ ޖަމާޢަތުންނެވެ. މި ޙަމަލާގެ ސަބަބުން މި ކާރުޚާނާއާ ދަނޑުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާއިރު ސަޢުދީ ޢަރަބިއްޔާއިން ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ މިންވަރު ދެބައިކުޅަ އެއްބައި މަދުވެގެންދާނެކަމަށް އެ ޤައުމުންވަނީ ބުނެފައެވެ. އެއީ މުޅި ދުނިޔޭގައި ބޭނުން ކުރާ ތެލުގެ 5 އިންސައްތަކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޤައުމުގެ ތެލާބެހޭވަޒީރު ޢަމީރު ޢަބްދުލް ޢަޒީޒް ބިން ސަލްމާން ވިދާޅުވީ ޙަމަލާތަކުގެ ސަބަބުން ސަޢުދީ ޢަރަބިއްޔާއިން ދުވާލެއްގެ މައްޗަށް ތެޔޮ އުފައްދާ މިންވަރު މަދުވިނަމަވެސް، އެ ޤައުމުގެ ރިޒާވްގައި ހުރި ތެޔޮ ބޭނުންކޮށްގެން އެ ޤައުމުން ތެޔޮ ގަންނަ ފަރާތްތަކަށް އެއްވެސް ދަތިކަމެއްނެތި ތެޔޮ ފޯރުކޮށްދެމުންދާކަމަށެވެ. އަދި ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތެޔޮ އުފައްދާ މިންވަރު މުޅިން އިޔާދަކުރާނެކަމަށްވެސް އެ ޤައުމުގެ ތެލާބެހޭވަޒީރު ވިދާޅުވިއެވެ. ޢަމީރު ޢަބްދުލް ޢަޒީޒް ވިދާޅުވީ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އެ ޤައުމުން ތެޔޮ އުފައްދާ މިންވަރު ދުވާލެއްގެ މައްޗަށް އެގާރަ މިލިއަން ފީފާއަށް އަލުން ވާޞިލްވާކަމަށާއި އަންނަ ނޮވެމްބަރު މަހު ބާރަ މިލިއަން ފީފާ ތެޔޮ އުފައްދަން މަސައްކަތްކުރާނެކަމަށެވެ.

ސަޢުދީ ޢަރަބިއްޔާއަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ އަދި އެކްސްޕޯޓްކުރާ ޤައުމެވެ.