މިދިޔަ ހޮނިހިރު ދުވަހު ސަޢުދީ ޢަރަބިއްޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާއަކާ އެ ޤައުމުގެ މުހިއްމު ތެޔޮ ދަނޑަކަށް ދިން ޙަމަލާ އައިސްފައިވަނީ އީރާނުގެ ހުޅަނގު ދެކުނުގެ ސަރަޙައްދަކުންކަމަށް އެމެރިކާއިން ބުނެފިއެވެ.
ނަން ހާމަކުރެއްވުމަށް ދެކޮޅު ހެއްދެވި އެމެރިކާގެ ތިން އޮފިޝަލަކު ރޮއިޓާސަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި ޙަމަލާދީފައިވަނީ ކްރޫޒް މިސައިލްތަކާ ޑްރޯން ބޭނުންކޮށްގެންކަމަށާއި ކުރިން ހީކުރި ވަރަށްވުރެ ޒަމާނީ ހަތިޔާރު މި ޙަމަލާ ދިނުމުގައި ބޭނުންކޮށްފައިވާކަމަށެވެ. އަދި މި ޙަމަލާ އައިސްފައިވަނީ އީރާނުގެ ހުޅަނގު ދެކުނުގެ ސަރަޙައްދުންކަމަށް ޤަބޫލުކުރައްވާކަމަށްވެސް އެމެރިކާގެ އޮފިޝަލުންވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެމެރިކާއިން ހޯދާފައިވާ ޖާސޫސީ އަދި އަސްކަރީ މަޢުލޫމާތުގެ ތަފުޞީލެއް މި ބޭފުޅުން ހާމަކުރައްވާފައެއްނުވެއެވެ.
ސަޢުދީ ޢަރަބިއްޔާގެ ދިފާޢީ ވުޒާރާއިން އަންގާރަ ދުވަހު ބުނެފައިވަނީ ހޮނިހިރު ދުވަހުގެ ޙަމަލާގެ ފަހަތުގައިވަނީ އީރާނުކަން ސާބިތުވާފަދަ ހެކި، ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރާނެކަމަށެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ކޮށްފައިވާ ތުޙުމަތުތައް އެ ޤައުމުންވަނީ ދޮގުކޮށްފައެވެ.
އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވެފައިވަނީ މި ޙަމަލާއަކީ ޔަމަނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންނަށް އަމާޒުކޮށް ސަރަޙައްދީ އިއްތިޙާދުން ދެމުންދާ ޙަމަލާތަކުގެ ރައްދުގައި އެ ހަނގުރާމަވެރިން ދީފައިވާ ޙަމަލާއެއްކަމަށެވެ.