ޚަބަރު

ޙަމަލާތަކަށް ރައްދުދިނުމުގެ ޤާބިލުކަން އެބަހުރި: ސަލްމާން ރަސްގެފާނު


ސަޢުދީ ޢަރަބިއްޔާއަށް ޢަމާޒުކޮށް ދެވޭ ޙަމަލާތަކަށް ރައްދުދިނުމުގެ ޤާބިލުކަން އެ ޤައުމުގައި އެބަހުރިކަމަށް ސަޢުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒު ވިދާޅުވެއްޖެއެވެ.

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރުންގެ ކައުންސިލްގެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަރަމްކޯއަށް ދީފައިވާ ޙަމަލާގެ ގެއްލުމުގެ ތަފުޞީލުތައް ދެނެގަނެފައިވާކަމަށެވެ. އަދި ސަޢުދީ ޢަރަބިއްޔާއިން އެދެނީ އެ ޤައުމަށް ޙަމަލާތައް ދިން ފަރާތްތަކުގެ އަޞްލަށް ނުބަލާ އެ ފަރާތްތަކާ ކުރިމަތިލުމަށްކަމަށްވެސް އެ ބާޔާނުގައި ބުނެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ސަޢުދީ ޢަރަބިއްޔާގެ ތެޔޮ އުފައްދާ ކާރުޚާނާއަކާ ތެޔޮ ވަޅުތަކަށް އަމާޒުކޮށް ޔަމަނުގެ އިދިކޮޅު ހޫޘީ ޖަމާޢަތުން ދިން ޙަމަލާތަކުގެ ސަބަބުން ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ކުންފުނިން ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ މިންވަރު ދެ ބައިކުޅަ އެއްބައި ދަށްވެފައެވެ. އަދި މި ޙަމަލާގައި ވަނީ ދުނިޔޭގައި މިވަގުތު ސާފުނުކުރާތެޔޮ އުފައްދާ އެންމެބޮޑު ޕްލާންޓު ހަލާކުވެފައެވެ.

މި ޙަމަލާއަކީ 1990ން 1991އަށް ކުރިއަށްދިޔަ ގަލްފު ހަނގުރާމައިގައި ކުވޭތުގެ ތެޔޮވަޅުތަކުގައި އަލިފާންޖެހިފަހުން ޢަރަބިންގެ ތެޔޮވަޅުތަކަށް ދެވުނު އެންމެ ވަރުގަދަ ޙަމަލާއެވެ.