ޚަބަރު

ބަންގްލަދޭޝް މަސައްކަތު މީހުން އެތެރެކުރުން އެއްއަހަރަށް މަނާކޮށްފި


ބަންގްލަދޭޝް މަސައްކަތު މީހުން މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް އެތެރެނުކުރޭވެނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކޮށް ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތާއި ބޭހޭ މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްކުރުމަށް ޚާއްސަ ޓާސްކްފޯސްއެއް އެކުލަވާލައްވާފައިވާކަމަށެވެ.

ޓާސްކް ފޯސް އެކުލަވާލާފައިވާގޮތް

  • އިކޮނޮމިކް މިނިސްޓަރ ( ޗެއަރ)
  • ޑިފެންސް މިނިސްޓަރ
  • ހޯމް މިނިސްޓަރ
  • ފޮރިން މިނިސްޓަރ
  • އެޓާނީ ޖެނަރަލް
  • ޕޮލިސް ކޮމިޝަނަރ
  • އިމްގްރޭޝަން ކޮންޓަރޯލަރ
  • ލޭބަރ ރިލޭޝަން އޮތޯރިޓީ
  • މޯލްޑިވްސް ޓްއަރިޒަމް އެސޯސިއޭޝަން

އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ގެނެވޭ އެއް ބަދަލަކީ އަންސްކިލްޑް މަސައްކަތަކަށް ބަންގްލަދޭޝުން އެއްވެސް ރައްޔިތެއް މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ރާއްޖެ ނުގެނެވޭނެގޮތް ހެދުންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެހެން މަސައްކަތްތަކަށް ބަންގަލަދޭޝް ރައްޔިތުން ގެނެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން އެއްވެސް މަޝްރޫއަކަށް ބިދޭސީން ގެންނަން ކޯޓާއަށް އެދޭނަމަ އެ ބަޔަކަށް ކޯޓާ ދޫކުރާނީ އެ މަޝްރޫއެއް ކޯޓްގައި ރަޖިސްޓްރީކޮށް އެ ލިޔެކިޔުންތައް ހުށައެޅުމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވީ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ގެންނަ ބަދަލުތަކުގެ ތެރޭގައި އެކި ދާއިރާތަކަށް ބިދޭސީން އެތެރެކުރުމަށް ވަކި އަދަދެއް ކަނޑަައެޅުމާއި އަންނަ އަހަރުގެ 1 ވަނަދުވަހުން ފެށިގެން ކޮންމެ ކޯޓާއަކަށް 2000 ރުފިޔާ ދައުލަތައް ދައްކަންޖެހޭގޮތަށް ހެދުން ހިމެނޭ ކަމަށެވެ. އަދި މީހާތަނަށް ޑިޕޮސިޓް ފައިސާ ބަހައްޓަމުން އައި ގޮތަށް ބަދަލު ގެނެސް ފައިސާ ބެހެއްޓުމަށް ކޯޓާގެ މިންވަރަށް ޕަސެންޓޭޖްތަކެއް ކަނޑައެޅިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްކުރުމަށް ވަރުގަދަ ސިޔާސަތެއް އެކުލަވާލާ އެ ސިޔާސަތަޢް އަމަލުކުރަން ފަށާފައިމިވަނީ ޤަވާއިދާ ހިލާފަށް ރާއްޖޭގައި މުއްސަނދި ދިރިއުޅުމެއް އުޅެމުންދިޔަ ދެ ބިދޭސީއަކު ޑީޕޯޓްކޮށްފައިވަނިކޮށެވެ.