ޚަބަރު

ބިދޭސީންނާއި ގުޅުންހުރި މައްސަލަތައް ޙައްލުކުރުމާ ގުޅޭ ސިޔާސަތަށް ޢަމަލުކުރެއްވުމަށް ރައީސް ނިންމަވައިފި


ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކޮށް ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

މި ސިޔާސަތަކީ ޤާނޫނާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅެމުން ގެންދާ ބިދޭސީންގެ ކަންކަމަށް ހައްލެއް ހޯދުމާއި އިޤްތިޞާދީ މަސައްކަތްތަކަށް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމާ ގުޅޭ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އިންތިޒާމު ކުރުމަށް އެކުލަވާލާފައިވާ ސިޔާސަތެކެވެ.

އެގޮތުން ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ އައުމަށްފަހު، ޤާނޫނާ ޚިލާފަށް މަސައްކަތް ކުރަމުންދާ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި "ރެގިއުލަރައިޒޭޝަން" ޕްރޮގްރާމެއް ހިންގުމަށް މި ސިޔާސަތުގެ ދަށުން ވަނީ ނިންމަވާފައެވެ. އަދި، ޤާނޫނާ ޚިލާފަށް ބިދޭސީން ރާއްޖެ ގެނައުމާއި، ރާއްޖޭގައި ގެންގުޅުމާއި، ޤާނޫނީ އިމުން ބޭރުން ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން ގެންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ މަތީ ފެންވަރުގައި މަޝްވަރާކޮށް، އަޅާނެ ފިޔަވަޅުތަކެއް ޤާއިމްކުރުމަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުމަށް، ހުށަހެޅިފައިވާ ގޮތަށް "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް" ގެ ނަމުގައި ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ވެސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް، ވިޔަފާރިތަކަށް ކޯޓާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލު މުރާޖާކޮށް އަލުން އެކުލަވާލުމާއި އިޤްތިޞާދީ މަސައްކަތްތަކަށް ބިދޭސީން ރާއްޖެ ގެނައުމުގައި މިހާރުގެ ޤާނޫނީ އޮނިގަނޑު ފަރުމާކުރެވިފައިވާ ގޮތުން ނުކުންނަ ނުރަނގަޅު އަދި ނޭދެވޭ ނަތީޖާތައް ނައްތާލުމަށްޓަކައި، ޤާނޫނީ އޮނިގަނޑު ހަރުދަނާކޮށް ބަދަލުގެނައުމަށްވެސް ކެބިނެޓްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.