ޚަބަރު

ސެންޓޭއާއި ރިޒޭ ބޮޑު ޢަދަދަކުން ޖޫރިމަނާކޮށްފި


އަލީ ފާސިރު (ސެންޓޭ)އާއި އަޙްމަދު ރިޒްވާން (ރިޒޭ) ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވި މައްސަލައިގައި ބޮޑު ޖޫރިމަނާއަކާ ކުރިމަތިލާންޖެހިއްޖެއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 5ވަނަ ދުވަހު ގުއާމާއި ދެކޮޅަށް ކުޅުމަށް ރާއްޖޭގެ ޤައުމީ ޓީމުގައި ހިމެނި ކުލަބު އީގަލްސްގެ ދެ ކުޅުންތެރިންކަމަށްވާ ސެންޓޭއާއި ރިޒޭ ފަރިތަކުރުންތަކުގައި ބައިވެރިނުވުމުގެ އިތުރުން ޓީމާއިއެކު ދަތުރުކޮށްފައިނުވާ މައްސަލަ ބަލާފައިވާކަމަށެވެ. އަދި އެއިން ކޮންމެ ކުޅުންތެރިއަކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމައިފައިވާކަމަށް އެފްއޭއެމުން ބުނެފައިވެއެވެ.

މީގެ އިތުރުން، އެފްއޭއެމުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިވެވޭނީ އެ ފައިސާ ދެއްކުމުންކަމަށް އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން، ޖޫރިމަނާ ފައިސާ ނުދައްކާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުރިއަށް އޮތް މެޗުތަކުގައި މި ކުޅުންތެރިންނަށް ނުކުޅެވޭނެއެވެ. އެފްއޭއެމުން ބުނީ ޤައުމީ ޓީމަށް މި ކުޅުންތެރިން ނެގުމުން އެކަށީގެންވާ އުޒުރެއްނެތި ފަރިތަކުރުންތަކުގައި ބައިވެރިނުވުމަކީ ބަލައިގަންނާނެކަމެއް ނޫންކަމަށެވެ.