ޚަބަރު

ދިގު ލައިގެން ދިޔަ މަޝްވަރާތަކަކަށްފަހު، ޑެ ޚެއާ އައު އެއްބަސްވުމެއްގައި ސޮއިކޮށްފި


ދިގު ލައިގެން ދިޔަ މަޝްވަރާތަކަކަށްފަހު، މެންޗެސްޓަރ ޔުނައިޓެޑުގެ ހުށަހެޅުން ޤަބޫލުކޮށް، އިތުރު 4 އަހަރު އެ ކުލަބުގައި މަޑުކުރުމަށް ދާވިދް ޑެ ޚެއާ އެއްބަސްވެއްޖެއެވެ. އައު އެއްބަސްވުމުގައި ޑެ ޚެއާ ސޮއިކުރީ އަހަރަކަށްވުރެ ގިނަ ދުވަހު ޔުނައިޓަޑާއެކު މަޝްވަރާކުރުމަށްފަހުއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން އެއްބަސްވާނަމަ އިތުރު 1 އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެއެވެ. އެހެންކަމުން، އެންމެ މަދުވެގެން 2023ވަނަ އަހަރާ ހަމައަށް ޑެ ޚެއާ ޔުނައިޓަޑުގައި މަޑުކުރާނެއެވެ.

އައު އެއްބަސްވުމުގައި ސޮއި ކުރުމުން، ސްޕޭންގެ ޤައުމީ ޓީމުގެ ކީޕަރުކަމަށްވާ ޑެ ޚެއާއަށް ހަފުތާއަކު ގާތްގަނޑަކަށް 350،000 ޕައުންޑުގެ މުސާރައެއް ލިބޭނެއެވެ. މިއީ މި ވަގުތު ޔުނައިޓަޑުގެ ކުޅުންތެރިއަކަށް ލިބޭ އެންމެ ބޮޑު އެއް މުސާރައެވެ. އަދި މިއީ މި ވަގުތު ދުނިޔޭގައި ގޯލްކީޕަރަކަށް ދޭ އެންމެ ބޮޑު މުސާރައެވެ.

އައު ކޮންޓްރެކްޓުގައި ސޮއި ކުރުމަށްފަހު، 28 އަހަރުގެ ޑެ ޚެއާ ބުނީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކުލަބަށް 350އަށްވުރެ ގިނަ މެޗު ކުޅެވޭނެކަމަށް ކުރިން އުއްމީދު ނުކުރާކަމަށެވެ. އަދި އޭނާ ބޭނުންވީ ޔުނައިޓަޑުގައި އޭނާގެ މުސްތަޤްބަލް ކަށަވަރުކުރުމަށްފަހު، އިތުރު ކާމިޔާބީތަކެއް ހޯދުމަށްކަމަށްވެސް ޑެ ޚެއާ ބުންޏެވެ. މީގެ އިތުރުން، ފާއިތުވި 8 އަހަރު ދުވަހު ޔުނައިޓަޑަށް ކުޅެން ލިބުނު ފުރުޞަތަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށްވެސް ދުނިޔޭގެ މިވަގުތު ތިބި އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ ޑެ ޚެއާ ބުންޏެވެ.

ޑެ ޚޭއާ އެންމެ ފުރަތަމަ ޔުނައިޓަޑަށް ސޮއިކުރީ 2011ވަނަ އަހަރުގެ ޖުލައި މަހުއެވެ. ނަމަވެސް 2015ވަނަ އަހަރު ސްޕޭންގެ ރެއާލް މެޑްރިޑަށް ބަދަލުވުމާ ވަރަށް ކައިރިއަށް އޭނާ ދިޔައެވެ. އެ ފަހަރު ޔުނައިޓަޑާއި ރެއާލާ ދެމެދު އެއްބަސްވުމަކާ ހަމައަށް އާދެވުނު ނަމަވެސް ލިޔެކިއުންތައް ހަމަނުވުމުގެ ސަބަބުން ޑެ ޚެއާ ބޭނުންވި ގޮތަށް ސްޕޭނަށް އަނބުރާ ދިއުމަށް ކުރި މަސައްކަތް ނާކާމިޔާބުވީއެވެ. އަދި އެ އަަހަރުގެ ސެޕްޓެންބަރު މަހު އޭނާ 4 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޔުނައިޓަޑާއެކު ސޮއިކުރިއެވެ.

ފާއިތުވި 8 އަހަރު ދުވަހުގެ ތެރޭގައި ޑެ ޚޭއާވަނީ ޗެމްޕިއަންސް ލީގު ނޫން ހުރިހާ ތައްޓެއް ޔުނައިޓަޑާއެކު ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގާ ޔުއެފާ ޔޫރަޕާ ލީގު ހިމެނެއެވެ. މި މުއްދަތުގެ ތެރޭގައި އޭނާވަނީ ޔުނައިޓަޑުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު 4 ފަހަރު އަދި ޕްރިމިއަރ ލީގުން ހޮވާ އަހަރުގެ ޓީމުގައި 5 ފަހަރު ހިމެނިފައެވެ. މީގެ އިތުރުން، 2018ވަނަ އަހަރު ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައިވެސް އޭނާވަނީ ހިމެނިފައެވެ.