ޚަބަރު

ސޫރިޔާގެ މައްސަލައާމެދު މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވަން ނިންމައިފި


ސޫރިޔާގެ ޙާލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ރަޝިޔާ، އީރާން އަދި ތުރުކީވިލާތުގެ އިސްވެރިންގެ ބައްދަލުވުމެއް ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންގެ އިސްނެންގެވުމުގެމަތިން ހޯމަ ދުވަހު ބާއްވަން ނިންމެވި ސަމިޓަކީ ސޫރިޔާގެ ހަނގުރާމައާއި ދާޚިލީ އަރާރުންތައް ނިމުމަކަށް ގެނައުމަށް ބޭއްވޭ މުޙިއްމު ބައްދަލުވުމެއްކަމުގައި ބެލެވުނުނަމަވެސް، އެ ބައްދަލުވުމުން އެދެވޭ ނަތީޖާއެއް ނެރުމުގެ ފުރުޞަތު ކުޑަކަމަށް ތަޖުރިބާކާރުން ދެކެއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރަން ހަމަޖެހިފައިވާ މައުޟޫޢުތަކުގެ ތެރޭގައި ސޫރިޔާގައި ދުސްތޫރީ ކޮމެޓީ އެކުލެވިގެންވާ ގޮތުގެ މައްސަލައާއި ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދީ ރެފިއުޖީން އެނބުރި ވަޒަނަށް އިއާދަކުރުމުގެ މައްސަލައާއި ސޫރިޔާގެ އުތުރުގައި ޙަމަލާ ބަދަލުކުރުން މަނާ ސަރަޙައްދެއް ޤާއިމުކުރުން ހިމެނެއެވެ. ރަޝިޔާ، އީރާން އަދި ތުރުކީވިލާތުގެ އިސްވެރިން ބާއްވަވާ މި ބައްދަލުވުމަކީ ސޫރިޔާގެ މައްސަލައަށް ސިޔާސީ ޙައްލެއް ގެނައުމަށް ރަޝިޔާ އިސްނަގައިގެން 2017ވަނަ އަހަރުން ފެށިގެން ކަޒަކިސްތާނުގެ ވެރިރަށް އާސްތާނާގައި ބޭއްވި ބައްދަލުވުންތަކުން ނިންމި ނިންމުންތަކުގެ އަލީގައި ބާއްވާ ބައްދަލުވުމެކެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނިމުމަކާ ކައިރިވެފައިވާ މި ދަނޑިވަޅުގައި ހަނގުރާމަ ހިނގަމުންދަނީ އެ ޤައުމުގެ ހުޅަނގު އުތުރުގެ އިދްލީބުގައެވެ. ސޫރިޔާގެ ސަރުކާރު ގަދަބާރުން ވައްޓާލަން މަސައްކަތްކުރި ޖަމާޢަތްތައް ބަލިކަށިވެފައިވާއިރު، އެ ޖަމާޢަތްތަކުގެ ހަނގުރާމަވެރިންނާއި އެމީހުންގެ ޢާއިލާތައް ޖަމާވެފައިވާ ސަރަޙައްދަކީ އިދްލީބެވެ. އަދި މިއީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ސޫރިޔާގެ ހަމައެކަނި ސަރަޙައްދެވެ.

ސޫރިޔާގެ ސިފައިންދަނީ އިދްލީބުން ހަނގުރާމަވެރިން ފައްސާލައި، އެ ސަރަޙައްދު މިނިވަންކޮށް ސަރުކާރުގެ ބާރުގެދަށަށް ގެނައުމަށް ވަރުގަދަ އަސްކަރީ ޙަރަކާތްތަކެއް ހިންގަމުންނެވެ.