ޚަބަރު

އޮކްޓޯބަރު 31ވަނަ ދުވަހު ވިލާތުގެ އިއްތިޙާދުން ވަކިވާނެކަމުގެ ޔަޤީންކަން ޖޮންސަން ދެއްވައިފި


އަންނަ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހު ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމަށް އެ ޤައުމުގެ ސަރުކާރު އޮތީ ސާބިތުކަންމަތީކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ. ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމާ ގުޅޭގޮތުން ދެ ފަރާތުގެ ދެމެދު އެއްބަސްވުމެއް ޤާއިމުކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން މަސައްކަތްކުރަމުންދާއިރު، ޖޮންސަންގެ ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އެއްބަސްވުމަކާނުލާވެސް މި ކަމަށް ކަނޑައަޅާފައިވާ ތާރީޚުގައި އެ އިއްތިޙާދުން ވަކިވާނެކަމަށެވެ.

މިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ މެއިލް އޮން ސަންޑޭއަށް ދެއްވި ބަސްދީގަތުމެއްގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޖޮންސަން ވިދާޅުވީ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހު ވިލާތުގެ އިއްތިޙާދުން އެ ޤައުމު ވަކިކުރުމަށް ކުރެވެންއޮތް ހުރިހާ ކަމެއް ކުރައްވާނެކަމަށެވެ. އަދި މި ތާރީޚުގައި ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުން ފަސްކުރުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކަށްވެސް ސަރުކާރުން ހުރަސް އަޅަމުންދާނެކަމަށްވެސް ޖޮންސަން ވިދާޅުވިއެވެ.

ޖޯންސަން ވިދާޅުވީ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމާ ގުޅޭގޮތުން ޤާއިމުކުރާ އެއްބަސްވުމުގައި މިހާރު ހުރި މައްސަލަތަކަށް ޙައްލެއް ހޯދުމަށް އެ ޤައުމާއި ވިލާތުގެ އިއްތިޙާދުން ކުރިއަށްގެންދާ މަޝްވަރާތަކުން ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި މިކަމުގައި ދެ ފަރާތުން އެއްބަސްވާފަދަ ޙައްލެއް ވަރަށް އަވަހަށް ހޯދޭނެކަމަށެވެ.