މިދިޔަ ހޮނިހިރު ދުވަހު ސަޢުދީ ޢަރަބިއްޔާގެ ތެޔޮ އުފައްދާ ކާރުޚާނާތަކަށް ޔަމަނުގެ އިދިކޮޅު ހޫޘީ ޖަމާޢަތުން ޑްރޯން ބޭނުންކޮށްގެން ދިން ޙަމަލާތަކުގެ ޒިންމާ އުފުލަންޖެހޭނީ އީރާނުންކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ. މައިކް ޕޮމްޕެއޯ ވިދާޅުވީ މި ޙަމަލާތައް ދިނީ ހޫޘީ ޖަމާޢަތުންކަމަށް އެ ޖަމާޢަތުން ބުނެފައިވީ ނަމަވެސް، މިއީ ޔަމަނުން އައި ޙަމަލާއެއް ނޫންކަމަށެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޕޮމްޕެއޯ ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދޭ ޙަމަލާތަކުގެ ތެރެއިން 100 ޙަމަލާގެ ފަހަތުގައި އޮންނަނީ އީރާނުކަމަށެވެ. އަދި އީރާނުން މި ޙަމަލާތައް ދެމުންދާއިރު، އެ ޤައުމުގެ ރައީސް ޙަސަން ރޫޙާނީއާއި ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފުދަނީ ސިޔާސީ ގޮތުން މައްސަލަތަކަށް ޙައްލު ހޯއްދެއްވުމަށް މަސައްކަތްކުރައްވާކަމަށް ހެދިވަޑައިގަންނަވަމުންކަމަށްވެސް ޕޮމްޕެއޯ ތުޙުމަތުކުރެއްވިއެވެ.
ޕޮމްޕެއޯ ވިދާޅުވީ އެ ސަރަޙައްދުގައި ނުތަނަވަސްކަން އިތުރުވެގެންދާނޭފަދަ ފިޔަވަޅުތަކުން ދުރުވުމަށް ގޮވާލަމުންދާ މި ދަނޑިވަޅުގައި އީރާނުންވަނީ ދުނިޔޭގެ ތެލުގެ ސިނާޢަތަށް ޢަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައިކަމަށާއި އީރާނުގެ މި ޙަމަލާތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް އެމެރިކާއިން ގޮވާލާކަމަށެވެ. ނަމަވެސް، އީރާނާ ދެކޮޅަށް ޕޮމްޕެއޯ ކުރެއްވި ތުޙުމަތުތަކަށް ތާޢިދުކުރާނެ ހެކި އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ސަޢުދީ ޢަރަބިއްޔާގެ ތެޔޮ އުފައްދާ ކާރުޚާނާއަކާ ތެޔޮ ވަޅުތަކަށް އަމާޒުކޮށް ޔަމަނުގެ އިދިކޮޅު ހޫޘީ ޖަމާޢަތުން ދިންކަމަށް ބުނާ ޑްރޯން ޙަމަލާތަކުގެ ސަބަބުން ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ކުންފުނިން ދުވާލެއްގެ މައްޗަށް އުފައްދާ ތެލުގެ މިންވަރު ދެ ބައިކުޅަ އެއްބައި މަދުވެގެންދާނެކަމަށް ސަޢުދީ ޢަރަބިއްޔާގެ ހަކަތައާބެހޭ ވުޒާރާއިން ލަފާކުރެއެވެ. މިއާއެކު، ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގުތައް އުފުލިގެންދާނެކަމަށް ބެލެވެއެވެ.