ޚަބަރު

މޯލްޑިވިސް ޓެނިސް އޯޕަންގެ ސިންގަލްސް އަދި ޑަބަލްސް ޗެމްޕިއަންކަން ސަޢުދުﷲ ހޯދައިފި


މޯލްޑިވިސް ޓެނިސްއޯޕަންގެ ސިންގަލްސް އަދި ޑަބަލްސް ޗެމްޕިއަންކަން ސަޢުދުﷲ އިބްރާހީމް ހޯދައިފިއެވެ.

މޯލްޑިވިސް ޓެނިސްއޯޕަންގައި ވާއްދަކޮށް ސައުދުﷲ އިބްރާހީމްވަނީ މުބާރާތުގެ 45 އަހަރުން މަތީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފައެވެ. ސައުދުﷲ 45 އަަހަރުން މަތީގެ ޗެމްޕިއަންކަން ހޯދީ އަހުމަދު ރަޝީދާ ވާދަކޮށް ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އޭނާވަނީ މުބާރާތުގެ ޑަބަލްސްގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. ސައުދުﷲ އިބްރާހިމް އާއި އަހުމަދު އަކްރަމް ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަޙްމަދު މުސްޠަފާއާއި އަޙްމަދު ޝިއާއުއާ ވާދަކޮށް 7-5، 4-6 އަދި 10-6ން ސެޓުތައް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ޖޫނިއަރ އޯޕަންސްގައި އައިޝަތު ތާރާ ނަޢީމް ޗެމްޕިއަންކަން ހޯދީ ސްރީ ލަންކާގެ ވަންލީ ސެނާޔާ މާރިޔާ ޕެރޭރާއާ ވާދަކޮށް 6-0، 6-0ން ސެޓުތައް ކާމިޔާބުކޮށްގެންނެވެ. ފިރިހެން ޑަބަލްސް ރާއްޖޭގެ ރައުދާކް މައުމޫނާއި އައްޔޫބު ޝަހީބު ކާމިޔާބުކުރީ ލަންކާގެ ވިޗިންތަ ސުރުންދު ނިލަވީރައާއި ޕަތިޔަގެ ރަނުގަ ރަންސަތާ ވާދަކޮށް 6-2، 6-1ން ސެޓުތައް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ 12 އަހަރުން ދަށުގެ އަންހެން ސިންގަލްސް ކާމިޔާބުކުރީ ރާއްޖޭގެ އާޔާ ޝާފީ ސައީދެވެ. އާޔާ މެޗު ކާމިޔާބުކުރީ ޝަޝިންކާ ޗަންދުރަސިރީއާ ވާދަކޮށް 6-2، 6-1ން ސެޓުތައް ކާމިޔާބުކޮށްގެންނެވެ. މި އުމުރުފުރާގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތު އެލީނާ ނާފިއުއާއި އާޔާ ޝާފީ ސަޢީދެވެ. މި އުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ލަންކާގެ މަރަސިންގަހަ ގަމަރަ ލަލާގެ ހޯދީ ރާއްޖޭގެ މުހަންމަދު މީކާއިލް އަޙްމަދާ ވާދަކޮށް 6-0، 6-2ން ސެޓުތައް ކާމިޔާބުކޮށްގެންނެވެ.

މި އުމުރުފުރާގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން މުޙައްމަދު ނޫހް ނަޒީހާއި ދާއޫދް ޝަހީބް ހޯދީ މުހަންމަދު ކައިސާން އިއްޒަތު ރަޝީދާއި މުޙައްމަދު މީކާއިލް އަޙްމަދާ ވާދަކޮށް 6-1، 6-4ން ސެޓުތައް ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަޔާނީ މޫސާ ކަލީމާއީ ޒޭނާ ޢަބްދުލް ރަޝީދެވެ. އާޔާނީއާއި ޒޭނާ ޗެމްޕިއަންކަން ހޯދީ ލަންކާގެ ވަންލީ ޕެރޭރާއާއި ރާއްޖޭގެ އައިޝަތު ޔުމްނާ ނިޔާޒާ ވާދަކޮށް 6-2، 6-3، 10-8ން ސެޓުތައް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ 14 އަހަރުންދަށުގެ ފިރިހެން ސިންގްލަސް ޗެމްޕިއަންކަން ލަންކާގެ ވިޗިންތިޔަ ސިރުންދު ހޯދީ ރަނޫގަ ރަސްނަތާ ވާދަކޮށް 6-2، 6-1ން ސެޓުތައް ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ ޖޫނިއަރ އޯޕަންސް އަންހެން ޑަބަލްސް ޗެމްޕިއަންކަން ލަޔާން މުހަންމަދު ޝާމިންއާއި އައިޝަތު ތާރާ ނަޢީމް ހޯދީ އައިމިނަތު އަނާން ސައީދާއި ސާރާ ޢަބްދުﷲ ހާލިދާ ވާދަކޮށް 6-0، 6-0ން ސެޓުތައް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ރާއްޖޭގެ ނަބާ ނިޝާން ހޯދީ ލަންކާގެ ރިއާނާ ފެނާންޑޯއާ ވާދަކޮށްގެންނެވެ. މި އުމުރުފުރާގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން އިމާނީ މޫސާ ކަލީމާއި ނަބާ ނިޝާން ހޯދީ ލާރާ އަޙްމަދު ޔަޒީލްއާ ނީނާ މުހަންމަދު ފާހިރާ ވާދަކޮށެވެ. 8 އަހަރުން ދަށުގެ އަންހެން ޑަބަލްސް އައިޝަތު ކައިރިން ސައިޒާންއާއި އައިޝަތު ލިވިއާ ކަތީރު ކާމިޔާބު ކުރީ ރާއްޖޭގެ އައިރާ ބިންތި ޝަހުދާއި ލަންކާގެ އެމީލާ އިވަނަވިޗާ ވާދަކޮށެވެ.

މިއުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ލަންކާގެ މަރްސިންގެހެ ގަމަރްލަލާގެ ހޯދީ ރާއްޖޭގެ މައިކާ މުޙައްމަދު ކަލީމާ ވާދަކޮށްގެންނެވެ. މި އުމުރުފުރާގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިޝަތު ކައިރީން ސައިޒާން ހޯދީ ލަންކާގެ އެލީޒާއާ ވާދަކޮށް 5-4، 8-6ން ސެޓުތައް ކާމިޔާބުކޮށްގެންނެވެ. 7 އަހަރުންދަށުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ ލޫކް މުޙައްމަދު މުއްޒައްމިލެވެ. ލޫކް ފައިނަލުގައި ވާދަކުރީ ޔާލް ފަރަހަތު ހަބީބްއާ ދެކޮޅަށެވެ. މި އުމުރުފުރާގެ އަންހެން ޗެމްޕިއަންކަން އިސްރާ އާރާ އިބްރާހީމް ޝަފީއު ހޯދީ ލާރާ ސެރެނާ އާސިފްއާ ވާދަކޮށެވެ.