މުނިފޫހިފިލުވުން

ޑާކްރެއިން އެންޓަޓެއިންމަންޓް - ދިވެހި ފިލްމްތަކުގެ ރަހަ ބަދަލުކޮށްލި ސްޓޫޑިއޯއެއް


ދިވެހި ފިލްމް އިންޑަސްޓްރީގައި މިވަގުތު އެންމެ ނަންހިނގާ އެއް ސްޓޫޑިއޯއަކީ ޑާކްރެއިން އެންޓަޓެއިންމަންޓޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ.

2006ވަނަ އަހަރު ވަރަށް ވެސް އާދައިގެގޮތަކަށް މަސައްކަތް ފެށި ޑާކްރެއިންއަކީ މިހާރު ރާއްޖޭގެ އެންމެ ކާމިޔާބު އެއްސްޓޫޑިއޯވެސްމެއެވެ. ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މެދުކެނޑުމެއްނެތި 13 އަހަރު ޚިދުމަތްކޮށްފައިވާ ޑާކްރެއިންއިންވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ބެލުންތެރިންގެ މެދުގައި މަޤުބޫލު ފިލްމްތަކެއް ގެނެސްދީފައެވެ. ޑާކްރެއިންގެ އެންމެބޮޑު އަމާޒަކީ އެމީހުންގެ ކޮންމެ އުފެއްދުމަކީވެސް ފެންވަރު ރަގަޅު ތަފާތު މޮޅުއެއްޗެއް ގޮތުގައި ބެލުންތެރިންނާ ހަމަޔަށް ގެނެސްދިނުންކަމަށް އެސްޓޫޑިއޯއިން ބުނެއެވެ.

ދިވެހި ފިލްމް އިންޑަސްޓްރީގައި ޑާކްރެއިން ޚާއްސަވާ އެތައް ސަބަބެއްވެއެވެ. އެގޮތުން ޑާކްރެއިންގެ ފިލްމްތަކަށް ޢާއްމުންގެ އެންމެބޮޑު މަޤުބޫލުކަމެއް ލިބިގެންދާ ނުވަތަ ބެލުންތެރިންގެ ޝަޢުގުވެރިކަން އެންމެ ބޮޑަށް ލިބިގެންދާ ސަބަބުތަކުގެ ތެރޭގައި ދިވެހި ފިލްމްތައް މީގެކުރިން ތައްޔާރުކުރަމުން އައިގޮތް
ބަދަލުކޮށް، ވާހަކައިގެ ރީސާރޗް ހެދުމާއި، ވިޝުއަލް ޕްރެޒެންޓޭޝަން ފުރިހަމަވުމާއި، އޭރިއަލް، ޑޮލީ، ކްރޭން، ގްލައިޑްކެމް ފަދަ މޫވިންގ ޝޮޓްތައް ބޭނުންކުރުމެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިލްމެއް މުޅިން ސްޓީރިއަސްކޯޕިކް 3D ކޮށް ޝޫޓްކުރުމުގެ އިތުރުން ޕޮލަރައިޒްޑް 3D ކޮށް ދިވެހި ސިނަމާއެއްގައި ސްކްރީންކުރުމުގެ ގާބިލްކަންވެސް ހޯދާފައިވަނީ ޑާކްރެއިން އެންޓަޓެއިންމަންޓުންނެވެ. މީގެ އިތުރުން އެކްޓަރުން ބިނާކުރުމާއި، ތަމްރީނުދިނުމާއި، ކެމެރާ ފަހަތުގައި މަސައްކަތްކުރާ ފަރާތްތައް އުފައްދައި އެފަރާތްކަށް މަސައްކަތްކުރާނެ ފުރުސަތު ދީނުމާއި، މިޔުޒިކީ ދާއިރާގައި އަލަށް މަސައްކަތްކުރާ ފަންނާނުންނާއި ބޭންޑުތަކަށް ފިލްމްގެތެރެއިން އެފަންނާނުންގެ އުފެއްދުންތަކަށް ފުރުސަތު ހޯދައިދިނުމުގައިވެސް ޑާކްރެއިންއަކީ މިވަގުތު އެންމެކުރީ ސަފުގައި މަސައްކަތްކުރާ އެއް ސްޓޫޑިއޯއެވެ.

ޑާކްރެއިންގެ 13 އަހަރުގެ މާޒީއަށް ބަލާލާއިރު، އެ ސްޓޫޑިއޯއިން ވަނީ މިހާތަނަށް 8 ޓީވީ ސީރީސްއާއި، 4 ކުރުފިލްމް އަދި 12 ފީޗަރ ފިލްމް އުފައްދައި ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. ހަމައެހެންމެ ފިލްމް އުފެއްދުމުގެ ޓީވީ ކޮމާޝަލްއާއި ވީޑިއޯ އަދި އޯޑިއޯގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތާއި ހިލޭސާބަހަށް އެކިއެކި އެން.ޖީ.އޯ އާއި ޖަމިއްޔާތަކަށް އިޖްތިމާޢީ އަދި ހޭލުންތެރި މެސެޖްލިބޭފަދަ ލަވައާއި ޓީވީ ސްޕޮޓްސްތައްވެސް ޑާކްރެއިންވަނީ ހަދައިދީފައެވެ.

ޑާކްރެއިންގެ އުފެއްދުންތައް ވަނީ ބައިނަލްއަޤުއާމީ އަދި ސަރަހައްދީ ފިލްމް ފެސްޓިވަލް ތަކުގައާއި ޤައުމީ ފިލްމް އެވޯޑްތަކުގައި ބައިވެރިކޮށް، ގިނަ ކާމިޔާބީތަކެއްވެސް ޙާސިލުކޮށްފައެވެ. އެއް ސްޓޫޑިއޯއެއްގެ އުފެއްދުންތަކަށް އެންމެގިނަ އެވޯޑު ލިބުމުގެ ރިކޯޑުވެސް މިވަގުތު އޮތީ ޑާކްރެއިންގެ އަތުގައެވެ. އެގޮތުން އެ ސްޓޫޑިއޯގެ އުފެއްދުންތަކަށް ޖުމްލަ 52 އެވޯޑެއް މިހާތަނަށްވަނީ ލިބިފައެވެ.

ހަމައެހެންމެ ޑާކްރެއިން ޚާއްސަވާ އަނެއް ސަބަބަކީ ދިވެހި ސިނަމާތަކަށް އެތަކެއް އައު މޫނުތަކެއް ތަޢާރަފުކޮށްފައިވުމެވެ. ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް މަޖުދާ (މަޖޫ) އަދި ނުޒުހަތު ޝުޢައިބު (ނުޒޫ)ފަދަ ފަންނާނުންނަކީ ޑާކްރެއިންގެ ފިލްމްތަކުން ދިވެހި ފިލްމް އިންޑަސްޓްރީއަށް ތަޢާރަފުވެ، ބެލުންތެރިންގެ މަޤުބޫލުކަން ހޯދާފައިވާ ތަރިންނެވެ.

ޑާކްރެއިންގެ އެންމެފަހުގެ ފިލްމް "މާމުއި"އަށްވެސް ބޮޑު ތަރުޙީބެއް ބެލުންތެރިންގެ ފަރާތުން ލިބިގެންގޮސްފައިވާއިރު، އެ ސްޓޫޑިއޯއިން މިހާރުވެސް އަންނަނީ ބެލުންތެރިންނާއި ހަމައަށް ފިލްމްތަކެއް ގެނެސްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން "ނޮވެމްބަރ"، "ބަޅިދު" އަދި "ބައިސާ"ގެ ޕްރޮޑަކްޝަން މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށް ޑާކްރެއިނުން ވަނީ ބުނެފައެވެ.