ޚަބަރު

ހަތިޔާރު ރައްކާކޮށްފައިވާ އިންޑޮނޭޝިޔާގެ ގުދަނެއް ގޮވައިފި


ދެވަނަ ބޮޑު ހަނގުރާމައިގައި ބޭނުންކުރި ހަތިޔާރު ރައްކާކޮށްފައިހުރި އިންޑޮނޭޝިޔާގެ ގުދަނެއްގައި އެއްޗެއް ގޮވައިފިއެވެ. އެ ޙާދިޡާ ހިނގި ގުދަން ހުންނަނީ ސެންޓްރަލް ޖާވާ ޕްރޮވިންސްގެ ސެމަރަން ކައިރީގައި އޮންނަ ސްރޮންޑޯލްގެ ފުލުހުންގެ މަރުކަޒެއްގައެވެ.

އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނީ އިންޑޮނޭޝިޔާގެ ހަތިޔާރު ގުދަނެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ފުލުހުންގެ އޮފިސަރަކު ޒަޚަމްވެ، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދަން ޖެހިފައިވާކަމަށެވެ. އިންޑޮނޭޝިޔާގެ ފުލުހުން ބުނީ އެއްޗެއް ގޮވުމުގެ ސަބަބުން އަލިފާން ރޯވި ގުދަނަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ގެންގުޅު ހަތިޔާރު ރައްކާކޮށްފައިހުރި ގުދަނެއްކަމަށެވެ.

މީގެ އިތުރުން، ފުލުހުން ބުނެފައިވަނީ އެ ގުދަނުގައި އެއްޗެއް ގޮވައި އަލިފާން ރޯވެފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު އިންޑޮނޭޝިޔާގެ ގަޑިން ހަތެއްޖެހިއިރުކަމަށެވެ. އަދި އެ ގުދަނުގައި ވަރަށް ބޮޑަށް އަލިފާންރޯވެފައިވާކަމަށާއި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އެ ޤައުމުގެ ފުލުހުން ބުނެއެވެ. އަލިފާނުގެ ޙާދިޡާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަޙުޤީޤުކުރަން ފަށާފައިވާކަމަށްވެސް އިންޑޮނޭޝިއާގެ ފުލުހުން ބުންޏެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ޑަޗް އީސްޓް އިންޑީސްގެ ނަމުގައި އޭރު އޮތް އިންޑޮނޭޝިޔާގައި 1942-1945އަށް ޖަޕާނުގެ އިސްތިޢުމާރީ ސިފައިން ޙަރަކާތްތެރިވި ނަމަވެސް އިންޑޮނޭޝިޔާގެ ޖަޒީރާތަކުގައި ވަރުގަދަ ހަނގުރާމައެއް ހިނގާފައެއް ނުވެއެވެ.