ޚަބަރު

ޕެޓްރިއޮޓް މަރުކާގެ ދިފާޢީ ނިޒާމު ގަތުމަށް އެމެރިކާއާއެކު މަޝްވަރާކުރާނަން: އުރުދުޣާން


މި މަހުގެ ތެރޭގައި އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި އެމެރިކާގެ ޕެޓްރިއޮޓް މަރުކާގެ ދިފާޢީ ނިޒާމު ގަތުމާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާނެކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އިސްތަންބޫލްގައި ހުންނަވާ ރޮއިޓާސަށް ދެއްވި ބަސްދީގަތުމެއްގައި އުރުދުޣާން ވިދާޅުވީ ރަޝިޔާގައި އުފައްދާ އެސް-400 މަރުކާގެ ދިފާޢީ ނިޒާމު ގަތުމުގެ ސަބަބުން އެމެރިކާއާ ތުރުކީވިލާތާ ދެމެދު މައްސަލަތަކެއް އުފެދިފައިވާކަމަށެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕާއެކު އޮންނަ ގާތް ގުޅުމުގެ ސަބަބުން އެ މައްސަލަ ޙައްލުކުރެވޭނެކަމަށް އުންމީދުކުރައްވާކަމަށް ތުރުކީވިލާތުގެ ރައީސް ވިދާޅުވިއެވެ.

ރަޝިޔާގައި އުފައްދާ އެސް-400 މަރުކާގެ ދިފާޢީ ނިޒާމު ގަތުމުން ތުރުކީވިލާތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދިން ނަމަވެސް އެ މައްސަލައިގައި އަދި ތުރުކީވިލާތާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެސް-400 މަރުކާގެ ދިފާޢީ ނިޒާމު ތުރުކީވިލާތުން ގަނެފައިވާތީ އެމެރިކާގައި އުފައްދާ ޕެޓްރިއޮޓް މަރުކާގެ ދިފާޢީ ނިޒާމު ތުރުކީވިލާތަށް ވިއްކުމުގެ ފުރުޞަތެއް ނެތްކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ތުރުކީވިލާތަށް އަންގާފައިވާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ރޮއިޓާސަށް ދެއްވި ބަސްދީގަތުމުގައި އުރުދުޣާން ވިދާޅުވީ ޕެޓްރިއޮޓް މަރުކާގެ ދިފާޢީ ނިޒާމު ގަތުމާ ގުޅޭގޮތުން މީގެ ދެ ހަފުތާކުރިން ޓްރަމްޕަށް ގުޅުއްވައި ކާމިޔާބު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށެވެ.

އުރުދުޣާން ރައީސް ޓްރަމްޕާ ބައްދަލުކުރައްވާނީ ނިޔުޔޯކްގައި މި މަހު ފެށޭ އދގެ އާއްމު ޖަލްސާގެ ހަވާސާގައިކަމަށް ބެލެވެއެވެ.