އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ޒިންމާ ނަގަންޖެހޭނީ މެލޭޝިއާގެ ހަތަރު ކުންފުންޏަކުންކަމަށް އިންޑޮނޭޝިއާ ސަރުކާރުން ބުނެފިއެވެ. އިންޑޮނޭޝިއާއިން މިހެން ބުނެފައިވަނީ މެލޭޝިޔާގެ ވައި ތަޣައްޔަރުވެފައިވަނީ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި އަނދަމުންދާ އަލިފާންގަނޑުތަކުގެ ސަބަބުންކަމަށްބުނެ، މެލޭޝިއާގެ ސަރުކާރުން ތުޙުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އިންޑޮނޭޝިއާގެ ތިމާވެއްޓާބެހޭ ވަޒީރު ސިތީ ނޫރްބަޔާ ބަކަރް ވިދާޅުވީ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވާން މެދުވެރި ސަބަބުތައް ބަޔާންކޮށްދިނުމުގައި މެލޭޝިއާއިން މުޅިން އިޚްލާސްތެރި ނޫންކަމަށެވެ. އޭނާވަނީ މި އަލިފާންގަނޑުތަކުގެ ޒިންމާ ނަގަންޖެހޭ މެލޭޝިއާގެ 4 ކުންފުންޏެއްކަމަށް ފާހަގަކުރައްވާފައެވެ. އަދި މި ކުންފުނިތަކަކީ ކާށިތެޔޮ އުފައްދާ ކުންފުނިތަކެއްކަމަށްވެސް އިންޑޮނޭޝިއާގެ ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވިއެވެ.
އިންޑޮނޭޝިއާގެ ސަރުކާރުން ބުނެފައިވަނީ އަލިފާންގަނޑުގެ ސަބަބުން 30 ކުންފުންޏަކުން ބަލަހައްޓަމުންދާ ދަނޑުބިންތައް ބަންދުކޮށްފައިވާކަމަށާއި މީގެ ތެރެއިން 4 ކުންފުންޏަކާ ދެކޮޅަށް ޖިނާޢީ ދަޢުވާ އުފުލާފައިވާކަމަށެވެ.
މެލޭޝިއާގެ ތިމާވެއްޓާބެހޭ ވަޒީރު ޔިއޯ ބީ ޔިން ވިދާޅުވީ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި އަނދަމުންދާ އަލިފާންގަނޑުތަކުގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް އެ ޤައުމުގެ ސަރުކާރުން ހޯދަންޖެހޭނެކަމަށެވެ.