ޚަބަރު

އެއްބަސްވުން ޤާއިމުކުރުމުގައި ކުރިއެރުންތަކެއް ލިބިއްޖެ: ޖޮންސަން


ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމަށް އެ އިއްތިޙާދާއި އިނގިރޭސިވިލާތާ ދެމެދު ޤާއިމުކުރާ އެއްބަސްވުން ޤާއިމުކުރުމާ ކައިރިވެފައިވާކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ އުތުރުގައި ކުރިއަށްދިޔަ ޙަފުލާއެއްގައި ވާހަކަދައްކަވަމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޖޮންސަން ވިދާޅުވީ އިނގިރޭސިވިލާތުގެ ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ ވީ އެންމެ އަވަހަށް އެއްބަސްވުމެއް ޤާއިމުކުރުމަށްކަމަށާ މިކަމުގައި ބޮޑެތި ކުރިއެރުންތައް ހޯދިފައިވާކަމަށެވެ. ޖޮންސަން ވިދާޅުވީ ދާދި އަވަހަށް އެއްބަސްވުމެއް ޤާއިމުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

މިއަންނަ ހަފުތާގައި ޖޮންސަން ވިލާތުގެ އިއްތިޙާދުގެ އިސްވެރިންނާއެކު މަޝްވަރާކުރެއްވުމަށް ނިންމަވާފައިވާއިރު، މި މަޝްވަރާތަކުގެ ސަބަބުން މިހާރު ދެފަރާތުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ނައްތާލެވޭނެކަމަށް އުންމީދުކުރާކަމަށް އިނގިރޭސިވިލާތުގތެ ސަރުކާރުންވަނީ ބުނެފައެވެ.

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމަށް އެންމެފަހު ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހެވެ.