ޚަބަރު

ޝަރީފުގެ އިލްތިމާސް: ކައުންސިލް އިންތިޚާބަށް ތައްޔާރުވުން ބުއްދިވެރި


ޑިމޮކްރަސީގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ސިޔާސީ މިނިވަންކަން ހިމެނެއެވެ. އަދި އެއާއި ގުޅިގެން އަޣްލަބިއްޔަތަށް ކަންކަން ނިންމުމާއި އެ ނިމުންތައް ޤަބޫލުކުރުން ހިމެނެއެވެ. 2008ގައި ދިވެހިރާއްޖެއިން މި ފަލްސަފާތަކަށް ތަބާވެ، ވެރިކަމުގެ ބާރުތައް ބަހާލާ، ތަފާތު މުވައްސަސާތައް އުފައްދާފައިވެއެވެ. އަދި އެ މުވައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ނަމަވެސް، ރާއްޖޭގައި ޢާއްމުކޮށް ފެންނަ މަންޒަރަކީ އިންތިޚާބަކުން ބަލިވާ ކޮންމެ ފަހަރަކު އެކަމުގެ ނުރުހުންފާޅުކޮށް، ގިނަ ފަހަރަށް އެއްވެސް ހެއްކެތްނެތި ގިނަ ތުހުމަތުތަކެއް ކުރާ މަންޒަރެވެ.

ރާއްޖޭގައި އެންމެ ފަހުން ރިޔާސީ އިންތިޚާބެއް ބޭއްވިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވަނީއެވެ. ނަމަވެސް، އަދިވެސް އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރެވޭ ނުވަތަ ޤަބޫލުކުރަން ބޭނުންނުވާ ބަޔަކު އެބަތިއްބެވެ. އެފަދަ ފަރާތްތަކުން އިންތިޚާބު ޤަބޫލުނުކޮށް ވާހަކަދައްކާ ކޮންމެ ފަހަރަކު އިންތިޚާބީ ކަންކަމާއި ހަވާލުވެ ހުންނަވާ އެންމެ އިސްފަރާތްކަމަށްވާ އިލެކްޝަންސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އީސީއެމް)ގެ ރައީސް އަޙްމަދު ޝަރީފު ރައްދުދެއްވާ މަންޒަރު ފެނެއެވެ. މިއީ ޢާއްމުކޮށް، ރާއްޖޭގެ މިނިވަން މުވައްސަސާތަކުގެ އިސްވެރިންގެ ފަރާތުން ނުފެންނަ މަންޒަރަކަށްވިނަމަވެސް، ދުނިޔޭގެ ބައެއް ޤައުމުތަކުން ފެންނަ މަންޒަރެކެވެ.

އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވަމުން މި ފަހަރު ޝަރީފު ކުރެއްވި ޓްވީޓުގައި އޭނާވަނީ އިލްތިމާސެއްވެސް ކުރައްވާފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 23ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވާހަކަދެއްކުން ހުއްޓާލުމަށްފަހު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުން ބުއްދިވެރިކަމަށް އޭނާވަނީ ވިދާޅުވެފައެވެ. މި ޓްވީޓުގައި މިދިޔަ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާވެސްވަނީ ހިމަނުއްވާފަވެއެވެ.

ބެލެވޭ ގޮތުގައި ޝަރީފު މި ޓްވީޓްކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ޕާޓީތަކުން މާލޭގެ ކާނިވާ ސަރަޙައްދުގައި ބޭއްވި އެއްވުމެއްގައި އަނެއްކާވެސް ރިޔާސީ އިންތިޚާބުގެ ވާހަކަ ދެއްކުމުންނެވެ. މި އެއްވުމުގައި ބައެއް ބޭފުޅުންވަނީ އަންނަ އަހަރު ޔަޤީނުންވެސް ރިޔާސީ އިންތިޚާބެއް އޮންނާނެކަމަށާއި ވޯޓުލާން ތައްޔާރަށް ތިބުމަށް ގޮވާލާފައެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް ޢަބްދުﷲ ޔާމީނަށްވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އަދި މި ނަތީޖާ ޤަބޫލުނުކުރައްވާ ސުޕްރީމް ކޯޓަށް މައްސަލައެއްވެސް ހުށަހެޅުއްވިއެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ނިންމީ އިންތިޚާބުގެ ނަތީޖާ ސައްޙަކަމަށެވެ. އޭގެ 6 މަސް ދުވަސް ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތީޚާބުގައިވެސް އެ މަނިކުފާނުގެ ތާޢީދުއާއެކު ނުކުތް ކެނޑިޑޭޓުންނަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ބޮޑު ނާކާމިޔާބީއަކާއެވެ.

އަންނަ އަހަރުގެ އޭޕްރިލް މަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އީސީއެމުންވަނީ ނިންމަވާފައެވެ.