ކުޅިވަރު

ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖް: ވެސްޓިން ބަލިކޮށް ދުސިތް ތާނީ މުބާރާތުގެ ކުއާޓާ ފައިނަލާއި ގާތަށް


ބ.އޭދަފުށީގައި މިހާރު ކުރިޔަށް ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލާއި ގާތަށް ދުސިތް ތާނީ މޯލްޑިވްސް ޖެހިލައިފިއެވެ.

ދުސިތް ކުއާޓާ ފައިނަލާއި ގާތަށް ޖެހިލީ އިއްޔެ ހަވީރު ވެސްޓިން ރިސޯޓާއި ވާދަކުރި މެޗު 0-4 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުން މޮޅުވުމާއެކު ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު 3 މެޗުން 7 ޕޮއިންޓް ހޯދާފައެވެ. އަދި މި މެޗުން ބަލިވުމާއެކު ވެސްޓިން ރިސޯޓަށް ވަނީ މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމުގެ ފުރުސަތު ބަންދުވެފައެވެ.

ދުސިތް ތާނީ މޯލްޑިވްސް އާއި ވެސްޓިން ރިސޯޓް އިއްޔެ ކުޅުނު މެޗުގައި ދުސިތް އިން ޖެހި ހަތަރު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އާދަމް ޙަލީލް، މަފްރޫހް ޒާކިރު އަދި ހަސަން ސާޖިދުގެ އިތުރުން އިސްމާއިލް ފައުޒީއެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ދުސިތް ތާނީގެ އިސްމާއިލް ފައުޒީއެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ދެ ވަނަ މެޗުގައި ބައްދަލުކުރީ ޓީމް މާޅޮހާއި ނޮޓިލަސް ރިސޯޓެއެވެ. މި މެޗު 0-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނޮޓިލަސް ރިސޯޓެއެވެ. މިއީ މި މުބާރާތުގައި ނޮޓިލަސް މޮޅުވި ފުރަތަމަ މެޗެއެވެ. މުބާރާތުގައި ޔުނައިޓެޑް ވީ އާއި ކިންގްސް ޔުނައިޓެޑާއި ބައްދަލުކުރި މެޗުން ނޮޓިލަސް މޯލްޑިވްސް ވަނީ ބަލިވެފައެވެ.

މާޅޮސް އަތުން ނޮޓިލަސް މޮޅުވި މެޗުގައި އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަކްރަމް އަބްދުއް ރަޝީދު އަދި އަބްދުﷲ ޝާފިއުއެވެ.

މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ގެ ނިޔަލަށް މިމުބާރާތް އިންތިޒާމްކޮށް ކުރިޔަށްގެންދަނީ އޭދަފުށީ ކްލަބް ދަ ބިގިނާރސް އިންނެވެ. މިއީ މިމުބާރާތް މެދު ކެނޑުމެއްނެތި ބާއްވާ 6 ވަނަ އަހަރެއެވެ.