ޚަބަރު

އީރާނުން ހައްޔަރުކޮށްފައިވާ އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުގެ ރައްޔިތުން ދޫކޮށްލުމަށް ގޮވާލައިފި


އީރާނުގައި ހައްޔަރުކޮށްފައިތިބި އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތަށް ނިސްބަތްވާ ރައްޔިތުން ދޫކޮށްލުމަށް އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ބެން ވޮލެސް ގޮވާލައްވައިފިއެވެ.

އޮސްޓްރޭލިޔާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑުން މިކަމާގުޅޭ ބަޔާން ނެރެފައިވަނީ އިނގިރޭސިވިލާތުގެ ނޫހަކުން އެ ދެ ޤައުމަށް ނިސްބަތްވާ 3 މީހަކު އީރާނުން ހައްޔަރުކޮށްފައިވާކަމަށް ބުނުމުންނެވެ. ދަ ޓައިމްސް ނޫހުގައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ދެ އަންހެނުންނާއި އޮސްޓްރޭލިއާގެ ފިރިހެނެކެވެ.

އެ ނޫހުގައިވާގޮތުގައި މި 3 މީހުން ހައްޔަރުކޮށްފައިތިބީ ޖާސޫސްކުރުމުގެ ތުހުމަތުގައެވެ. އަދި އެ މީހުންވެސް ބައިތިއްބާފައިތިބީ އީރާނުގައި ޖަލަށްލެވިފައިވާ އިނގިރޭސިވިލާތުގެ އަންހެނެއްކަމުގައިވާ ނާޒްނީން ޒަގާރީ ރެޑްކްލިފްވެސް ހައްޔަރުކޮށްފައިވާ ޖަލުގައެވެ. ޖާސޫސްކުރުމުގެ ކުށުގައި 2016ވަނަ އަހަރު ޒަގާރީ ޖަލަށްލުމުން އިނގިރޭސިވިލާތާއި އީރާނުގެ ގުޅުންވަނީ ގޯސްވެފައެވެ.

ހުޅަނގު ދުނިޔެއާއި އީރާނާ ދެމެދު އޮތްގުޅުން އިތުރަށް ގޯސްވެފައިވަނީ އީރާނާއެކު ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން ވެފައިއޮތް ނިޔުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންފެށުމުންނެވެ.