އުތުރު ކޮރެއާގެ ނިއުކްލިއަރ މައްސަލައިގައި އެ ޤައުމާއެކު އަލުން މަޝްވަރާކުރުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޗައިނާއިން އެމެރިކާއަށް ގޮވާލައިފިއެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވީ އެމެރިކާއާއެކު އަލުން މަޝްވަރާކުރަން ބޭނުންވާކަމަށް ބުނެ، އުތުރު ކޮރެއާއިން ދާދިފަހުން ދައްކާފައިވާ ވާހަކަތަކަށް ޗައިނާއިން މަރުޙަބާ ކިޔާކަމަށެވެ. ޔީ ވިދާޅުވީ މި މަހުގެ ފަހުކޮޅު އެމެރިކާއާއި އުތުރު ކޮރެއާއާއި ދެމެދު އަލުން ވާހަކަތައް ފަށަން ޗައިނާއިން ބޭނުންވާކަމަށެވެ. އަދި މި ވާހަކަތަކުން ކާމިޔާބު ހޯދުމަށް ދެ ޤައުމުގެ ކަންބޮޑުވުންތައްވެސް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދަންޖެހޭކަމަށްވެސް ޔީ ވިދާޅުވިއެވެ.
އުތުރު ކޮރެއާގެ ނިއުކްލިއަރ މައްސަލައިގައި އެ ޤައުމާއި އެމެރިކާއާ ދެމެދު މިފަދަ މަޝްވަރާތަކެއް އެންމެފަހުން ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. މި އަހަރުގެ ޖޫން މަހު ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ބޭއްވި ކުއްލި ބައްދަލުކުރެއްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން ފަންނީ މަޝްވަރާތައް އަލުން ފެށުމަށް އެއްބަސްވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް، މިކަމުގެ ޢަމަލީ މަސައްކަތްތަކެއް އަދިވެސް ފަށާފައެއް ނުވެއެވެ.
ހޯމަ ދުވަހު އުތުރު ކޮރެއާއިން ބުނެފައިވަނީ މި މަހުގެ ފަހުކޮޅު އެ ޤައުމުން އަލުން އެމެރިކާއާއެކު މަޝްވަރާ ކުރަން ބޭނުންވާކަމަށެވެ.