ވިޔަފާރި

އާމްދަނީ 16 ބިލިއަން، ޚަރަދުތަކަށް 17 ބިލިއަން!


އޮގަސްޓުމަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ޚަރަދު ބޮޑުވެ، ބަޖެޓުގެ ދަރަނި ބިލިއަނަކަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރުމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ 16 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި އެ މުއްދަތުގައި ދައުލަތުގެ ޚަރަދު 17 ބިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓްގެ ދަރަނި މިހާރު 1 ބިލިއަން ރުފިޔާއަށް އަރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީގެ ތަފްސީލަށް ބަލާއިރު، 16 ބިލިއަން ރުފިޔާގެ ތެރެއިން 12 ބިލިއަން ރުފިޔާއަކީ އެކި އެކި ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެހީގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ ލިބިފައިވެއެވެ.

ދައުލަތުގެ ޚަރަދަށް ބަލާއިރު، 17 ބިލިއަން ރުފިޔާގެ ތެރެއިން 12 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ދައުލަތް ހިންގުމުގެ ޚަރަދަށެވެ. އޭގެ ތެރޭގައި މުސާރައާއި އިނާޔަތުގެ ގޮތުގައި ޚަރަދުކޮށްފައިވާ 6.5 ބިލިއަން ރުފިޔާއާއި، އޮފީސްތައް ހިންގުމުގެ ޚަރަދުކޮށްފައިވާ 5.3 ބިލިއަން ރުފިޔާ ހިމެނެއެވެ. ދައުލަތުން ޚަރަދުކޮށްފައިވާ 17 ބިލިއަން ރުފިޔާގެ ތެރެއިން ތަރައްޤީގެ މަސައްކަތްތަކަށް ޚަރަދުކޮށްފައިވަނީ 4.1 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ޚަރަދުކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ.