ވިޔަފާރި

ބިދޭސީންނަށް ދައްކާ ޑިޕޮސިޓް ފައިސާ ކައުންޓަރުތަކުން ބަލައިގަންނަނީ


ރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީންނަށް ދައްކާ ޑިޕޮސިޓް ފައިސާ ކައުންޓަރުތަކުން ބަލައިގަތުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީންކޮށްފައިވާ އިޢުލާނެއްގައިވާގޮތުން "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ޑިޕޮސިޓް ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތު ދިނުމަށްޓަކައި ކައުންޓަރުތަކުން ޑިޕޮޒިޓް ފައިސާ ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރުމަށް ގެނެވޭ ބިދޭސީންނަށް ދައްކާ ޑިޕޮސިޓް ފައިސާ، މިދިޔަމަހުގެ 25 ވަނަ ދުވަހުން ފެށިގެން ދެއްކޭނީ ހަމައެކަނި "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ކަމަށް އިކޮނޮމިކް މިނިސްޓްރީ މީގެކުރިންވަނީ ބުނެފައެވެ.

އެހެން ނަމަވެސް މިބަދަލުގެ ސަބަބުން "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ޑިޕޮސިޓް ފައިސާ ދައްކާ ބައެއް ފަރާތްތަކަށް، އެފަރާތުން މިކަމަށް ހަމަޖައްސަން ޖެހިވަޑައިގަންނަވާ އިންތިޒާމްތައް ހަމަޖެހިފައިނެތްކަން މިނިސްޓްރީން ފާހަގަކުރައްވައެވެ. އެހެންކަމުން ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިވަމުން ދާ ކަމަށާއި މިފަދަ ފަރާތްތަކަށް "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ޑިޕޮސިޓް ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތު ދިނުމަށްޓަކައި ކައުންޓަރުތަކުން ޑިޕޮޒިޓް ފައިސާ ބަލައިގަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.