ޚަބަރު

މިލަދެކުނު އަދަބީ ޢީދު 2019 ނ.މަނަދޫގައި ފަށައިފި


މިލަދެކުނު ޢީދުގެ ނަމުގައި ޚާއްސަ އަދަބީ ޙަރަކާތެއް ނ.މަނަދޫގައި ފަށައިފިއެވެ. މިއީ ނ.އަތޮޅަށް ހުޅުވާލައިގެން އަބަދަބީ އެކި ރޮނގުތަކުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ އަދަބީ ޢީދެކެވެ.

މިލަދެކުނު އަދަބީ ޢީދު 2019އަކީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ކޮންމެ އަހަރަކު ދިވެހިބަހާއި ޘަޤާފަތް ދިރުވާއާލާކުރުމަށް ކުރިއަށްގެންދާ ޙަރަކާތެކެވެ. މިޢީދުގައި ނ.އަތޮޅުގެ 10 ސްކޫލުން ބައިވެރިވާއިރު ޅެންހެދުމާއި ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމަށް ކޯސްތައް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކވަމުން މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤު ވިދާޅުވީ ދިވެހި ބަހާއި ތާރީޚު ކުރިއަރުވައި ދިވެހިންގެ ހިތްތަކުގައި އެއަށް ލޯބި ޖެއްސުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރައްވާނެކަމަށެވެ.

2014ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އަދަބީ ޢީދު ބާއްވާ މިއީ 5ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އަދަބީ ޢީދު ބާއްވާފައިވަނީ ހުވަދުއަތޮޅު އުތުރުބުރީގައެވެ. ނ.އަތޮޅުގައި މިފަހަރުގެ ޢީދު ބޭއްވިގެންދާއިރު އަދަބީ ޢީދުން ގިނަކަންތައްތަކެއް ދަރިވަރުންނަށް ދަސްވެގެންދާނެކަމަށް ދިވެހި ބަހުގެ އެކަޑަމީން ދެކެއެވެ.