ޚަބަރު

މަޖިލިސް މެދުކަނޑާލަން ޖޯންސަން ނިންމެވި ނިންމުމަކީ ޣައިރުޤާނޫނީކަމެއް: ސްކޮޓްލެންޑް


އިނގިރޭސިވިލާތުގެ މަޖިލީހުގެ މަސައްކަތް ފަސް ހަފުތާއަށް މެދުކަނޑާލުމަށް ބޮޑުވަޒީރު ބޮރިސް ޖޮންސަން ނިންމެވިނިންމުމަކީ ޣައިރުޤާނޫނީ ނިންމުމެއްކަމަށް ސްކޮޓްލެންޑްގެ އެންމެމަތީ އިސްތިޢުނާފު ކޯޓުން ޙުކުމްކޮށްފައިވާކަމަށް އިނގިރޭސިވިލާތުގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވެއްޖެއެވެ.

ހައުސް އޮފް ކޮމަންސްގައި ހިމެނޭ ސްކޮޓްލެންޑްގެ މެންބަރެއްކަމަށްވާ ޖޯނާ ޗެރީ ވިދާޅުވީ ޖޯންސަންގެ ނިންމެވުން ޣައިރު ޤާނޫނީކަމަށް ސްކޮޓްލެންޑްގެ އިސްތިޢުނާފު ކޯޓުން ނިންމުމުން މަޖިލީހުގެ މަސައްކަތް އަވަހަށް ފެށުމަށް ޖޮންސަންގެ ކިބައިން އެދިވަޑައިގަންނަވާކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ ސްކޮޓްލެންޑްގެ ކޯޓުގެ ނިންމުމާމެދު ކަންބޮޑުވާކަމަށާ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިޢުނާފުކުރާނެކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެ ޤައުމުގެ ހައުސް އޮފް ކޮމަންސްގެ ޖަލްސާތައް މެދުކަނޑާލަން ނިންމަވާފައިވަނީ މި ސެޕްޓެމްބަރު 9-14އަށެވެ. އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި އެ ނިންމެވުމުގެ ބޭނުމަކީ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުގެ މައްސަލައިގައި ޖޮންސަން ގެންގުޅުއްވާ ޕްލޭނަށް ހުރަސްއެޅުމުގެ ފުރުޞަތު ނުދިނުމެވެ.

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުގެ މައްސަލައިގައި ޖޮންސަން ގެންގުޅުއްވާ ޕްލޭންގައި ހިމެނޭ މައިގަނޑުކަމަކީ އަންނަ އޮކްޓޯބަރުމަހުގެ އެއްތިރީހުގެކުރިން ވިލާތުގެ އިއްތިޙާދާއެކު އެއްބަސްވުމެއް ޤާއިމުނުކުރެވިއްޖެނަމަ އެއްބަސްވުމަކާނުލައިވެސް ވިލާތުގެ އިއްތިޙާދުން ވަކިވުމެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުގެ މަޖިލީހުގެ ގިނަ މެމްބަރުން މިކަމާ ދެކޮޅުހައްދަވާކަމަށް ރިޕޯޓްތައް ބުނެއެވެ.