ހަނގުރާމައާއި ހަރުކަށި ޢަމަލުތަކަށް ހިތްވަރުދީ އެކަމަށް ގޮވާލާ ފަރާތްތަކާ ދުރަށް ދިޔުމަށް އީރާނުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ގޮވާލައްވައިފިއެވެ.
އީރާނުގެ ރައީސް ޙަސަން ރޫޙާނީއާ ހަވާލާދީ އެ ޤައުމުގެ ތަސްނީމް ނޫސްއެޖެންސީ ބުނީ ހަނގުރާމައާއި ހަރުކަށި ޢަމަލުތަކަށް ހިތްވަރުދީ އެކަންކުރުމަށް ބަރުއަޅާފަރާތްތަކާ ދުރަށްދިޔުމަކީ އެމެރިކާ ކުރަންޖެހޭކަމެއްކަމަށެވެ. ރޫޙާނީ މި ބަޔާންދެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ ޤައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ކުއްލި ގޮތަކަށް މަޤާމުން ދުރުކުރެއްވުމާ ގުޅިގެންނެވެ.
ބޯލްޓަންއަކީ އީރާންފަދަ އެމެރިކާއަށް ބޯނުލަނބާ ސިޔާސަތުތައް ގެންގުޅޭ ޤައުމުތަކާ ދެކޮޅަށް ހަނގުރާމަ ފަށައި، ބާރުގެ ބޭނުންކޮށްގެން އެ ޤައުމުތަކުގެ ވެރިކަމުގެ ނިޒާމުތައް ބަދަލުކުރުމުގެ ހަރުކަށި ވިސްނުންގެންގުޅޭ ބޭފުޅެއްކަމަށް ސިފަކުރެވިފައިވާ ބޭފުޅެކެވެ. ނަމަވެސް ރޫޙާނީގެ ބަޔާނުގައި ބޯލްޓަންގެ ނަން ސީދާ ގޮތެއްގައި ވިދާޅުވެފައެއް ނުވެއެވެ.
ބޯލްޓަން މަޤާމުން ދުރުކުރާ ގުޅިގެން ދެއްވި ބަޔާނެއްގައި އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވެފައިވަނީ ބޯލްޓަން މަޤާމުންދުރުކުރުމަކީ އެމެރިކާއާއި އީރާނާދެމެދު ވާހަކަތައް ފެށޭނެކަމެއްނޫންކަމަށެވެ. އެމެރިކާއާއެކު އީރާނުން ވާހަކަތައް ފަށާނީ ކުރިންވެސް އީރާން ޝަރުތުކޮށްފައިވާފަދައިން އެމެރިކާއިން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުންކަމަށް ޒަރީފްވަނީ ވިދާޅުވެފައެވެ.