ޚަބަރު

އދގެ ޢާއްމު ޖަލްސާގެ ހަވާސާގައި އީރާނާ އެމެރިކާގެ ރައީސުން ބައްދަލުކުރައްވަނީ


މިމަހުގެ ފަހުކޮޅު އެމެރިކާގެ ނިއުޔޯކްގައި ބާއްވާ އދގެ ޢާއްމު ޖަލްސާގެ ހަވާސާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އީރާނުގެ ރައީސް ޙަސަން ރޫޙާނީ ބައްދަލުކުރެއްވުމަކީ އެކަށިގެންވާކަމެއްކަމަށް އެމެރިކާގެ ޚާރިޖީވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޚާރިޖީވަޒީރު މިހެން ވިދާޅުވެފައިވަނީ މިވަނީ އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި 2015ވަނަ އަހަރު އެ ޤައުމާ ދުނިޔޭގެ ބާރުތަކުން ޤާއިމުކުރި ނިއުކްލިޔަރ އެއްބަސްވުމުން 2018ވަނަ އަހަރު އެމެރިކާ ވަކިވެ އީރާނާ ދެކޮޅަށް އަލުން ދަތުކުރުމުގެ ފިޔަވަޅުތައް އަޅަން ފެށުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދު އަނެއްކާވެސް ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުން ތެޔޮ އެކްސްޕޯޓުކުރާ މިންވަރު %80 ދަށަށް ގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ވޮޝިންގްޓަންގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ޚާރިޖީވަޒީރު ޕޮމްޕެއޯ ވިދާޅުވީ އދގެ ޢާއްމު ޖަލްސާގެ ހަވާސާގައި ޓްރަމްޕް ހުންނެވީ އީރާނުގެ ރައީސް ރޫޙާނީއާ ބައްދަލުކުރެއްވުމަށް ތައްޔާރަށްކަމަށެވެ. އަދި މިފަދަ ބައްދަލުކުރެއްވުމެއްގައި ޓްރަމްޕް ބައިވެރިވަޑައިގަންނަވާނީ އެއްވެސް ޝަރުތަކާނުލާކަމަށްވެސް އެމެރިކާގެ ޚާރިޖީވަޒީރު ވިދާޅުވިއެވެ.

އީރާނުގެ ރައީސް ރޫޙާނީ މީގެ ކުރިން ވިދާޅުވެފައިވަނީ އީރާނުން އެމެރިކާއާއެކު މަޝްވަރާތައް ބާއްވާނީ 2015ވަނަ އަހަރުގެ އެއްބަސްވުމުން ވަކިވެ، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުމުން އެކަނިކަމަށެވެ.