ޚަބަރު

ޓްރަމްޕުގެ އެޑްވައިޒަރުކަމުގެ މަޤާމުން ބޯލްޓަން ވަކިކޮށްފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޓްރަމްޕުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަންއާއި އުފެދުނު ޚިޔާލުތަފާތުވުންތަކެއްގައި ބޯލްޓަން މަޤާމުން ވަކިކޮށްފިއެވެ.

ބޯލްޓަން މަޤާމުން ވަކިކޮށްފައިވަނީ އުތުރުކޮރެޔާ، އަފްޣާނިސްތާން އަދި ރަޝިޔާއާއެކު އުފެދިފައިވާ ނުތަނަވަސްކަން ޙައްލުކުރުމުގައި ޢަމަލުކުރާނެގޮތާއިމެދު ބޯލްޓަންގެ ހަރުކަށި ޚިޔާލާއި ޓްރަމްޕްގެ ވިސްނުމާއި ވަރަށްބޮޑަށް ތަފާތުވެގެންކަމަށް ޓްރަމްޕްވަނީ ޓުވީޓުކުރައްވާފައެވެ. ޓްރަމްޕުގެ 3ވަނަ ސެކިއުރިޓީ އެޑްވައިޒަރަކަށް ޢައްޔަންކުރެއްވި ބޯލްޓަންއަކީ ޚާރިޖީ ގޮތުން ވަރަށް ހަރުކަށި ފިކުރުގެ ބޭފުޅެކެވެ.

އޭޕްރިލްމަހު މަޤާމާ ޙަވާލުވެވަޑައިގެން 70 އަހަރުގެ ބޯލްޓަން މީގެކުރިންވަނީ ޓްރަމްޕު ސަރުކާރުގެ އެންމެ ވަފާތެރި އެއް ބައިވެރިޔާ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯއާވެސް ޚިޔާލުތަފާތުވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން ބޯލްޓަންވަނީ ވައިޓްހައުސްގެ ޗީފް އޮފް ސްޓާފް މިކް މުލަވާނީއާވެސް މައްސަލަޖެހިފައެވެ. މި މަޤާމު ހުސްވުމާއެކު ދެން މި މަޤާމަށް އަންނާނެކަމަށް ބެލެވެނީ އުތުރުކޮރެއާއަށް ކަނޑައަޅާފައިވާ މުޝީރު ސްޓީވަން ބީގަންއެވެ. ބޯލްޓަންއާ ޚިލާފަށް، ބީގަންއަކީ ޕޮމްޕެއޯ ފަދައިން ކަންކަމުގައި އެންމެ ފަހުބަސް ބުނާނީ ރައީސްކަން ދަންނަ ބޭފުޅެއްކަމަށް ޓްރަމްޕްގެ އަރިސް ފަރާތްތަކުން މަޢުލޫމަތުދެއެވެ.

ބީގަންގެ އިތުރުން ރަޝިއާއަށް ކަނޑައަޅާފައިވާ ސަފީރު ސެކެޓްރީ އޮފް ސްޓޭޓުގެ ނައިބު ޖޯން ސަލިވަންއަކީވެސް މި މަޤާމާށް އައިސްދާނެކަމަށް ބެލެވޭ ފަރާތެއްކަމަށްބެލެވެއެވެ.