ޚަބަރު

ވިލާތުގެ އިއްތިޙާދުން ވަކިވާނީ އެއްބަސްވުމަކާއެކު: ބޮޑުވަޒީރު ޖޮންސަން


އޮކްޓޯބަރު 31ވަނަ ދުވަހު ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވާއިރު، ވަކިވާނީ އެއްބަސްވެއްގެ ދަށުންކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ.

ސުކޫލަކަށް ކުރި ޒިޔާރަތެއްގައި ދަރިވަރުންތަކަކާ ވާހަކަދައްކަވަމުން ޖޮންސަން ވިދާޅުވީވިލާތުގެ އިއްތިޙާދާއެކު އެއްބަސްވުމެއް ޤާއިމުކުރުމަށް ވަރަށް ބޮޑަށް އިނގިރޭސިވިލާތުން މަސައްކަތްކުރާނެކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން އަޔަލެންޑާއި މަޝްވަރާކުރުމަށްފަހު ބްރަސަލްސްއަށާއި ވިލާތުގެ އެހެނިހެން ޤައުމުތަކާ ވާހަކަދެއްކުމަށް ދަތުރުތައް ކުރައްވަމުންގެންދަވާކަން ޖޮންސަން ހާމަކުރެއްވިއެވެ.

ބޮޑުވަޒީރު ޖޮންސަން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ވިލާތުގެ އިއްތިޙާދުން ވަކިވުމުގެ ކުރިން އެއްބަސްވުމެއް ޤާއިމުކުރެވޭނެ ފުރުޞަތު އޮތްނަމަވެސް އެކަން ކާމިޔާމުކުރުމަށް ވަރަށްގިނަ މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި އެއްބަސްވުމެއް ޤާއިމުނުވެ ވަކިވާން ޖެހުނުނަމަވެސް އެކަމަށް ތައްޔާރުވެ ތިބެންޖެހޭކަމަށްވެސް ޖޮންސަން ވިދާޅުވިއެވެ..

ޖޮންސަން މިހެން ވިދާޅުވީނަމަވެސް، އެއްބަސްވުމެއް ޤާއިމުނުކޮށް ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުން މަނާކުރާ ބިލް އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތް 2ވަނަ ވަނީ ތަސްދީޤުކުރައްވާފައެވެ. ވޭތުވެދިޔަ ހަފުތާގައި އިނގިރޭސި މަޖިލީހުގެ މަތިގެއާއި ތިރިގެއިން އެ ބިލަށް ބަހުސްކޮށް ފާސްކޮށް ޤާނޫނަކަށް ހަދާފައިވަނީ އެ ބިލް އިނގިރޭސި ޤާނޫނުހަދާ މަޖިލީހުން ބޭރުކޮށްލުމުގެ މަސައްކަތް ހިނގަމުންދަނިކޮށެވެ.