ޚަބަރު

އަފްޣާނިސްތާނުގައި މިނިވަން، ސައްޙަ އިންތިޚާބެއް ބާއްވަންޖެހޭ: އދގެ މަންދޫބު


މިމަހުގެ ފަހުކޮޅު އަފްޣާނިސްތާނުގައި ބާއްވާ ރިޔާސީ އިންތިޚާބަކީ ހުރިހާ ފަރާތަކުން ބައިވެރިވާ، ސައްޙަ އިންތިޚާބަކަށް ހެދުމަށްކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރަންޖެހޭނެކަމަށް އދން އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޓަޑާމިޗީ ޔަމަމޯޓޯ ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުގެ ޙާލަތާ ގުޅޭގޮތުން އދގެ ސަލާމަތީ މަޖިލީހަށް މަޢުލޫމާތުދެއްވަމުން އދގެ މަންދޫބު ވިދާޅުވީ ކުރިއަށްއޮތް އިންތިޚާބަކީ އަފްޣާނިސްތާނުގެ ޑިމޮކްރަސީ އިތުރަށް ވަރުގަދަކުރުމަށް އެޅިގެންދާނެ ފިޔަވަޅަކަށް ހަދަން ޖެހޭކަމަށެވެ. ޔަމަމޯޓޯ ވިދާޅުވީ އިންތިޚާބު ކާމިޔާބު އިންތިޚާބަކަށް ހެދުމަށް މިނިވަން އިލެކްޝަންސް ކޮމިޝަނަކާއި އިންތިޚާބާބެހޭ ޝަކުވާތައް ބަލައިގަންނަ އިދާރާއަކާއި ސަލާމަތީ އިދާރާތަކާއި މަދަނީ ޖަމާޢަތްތަކުންކުރާ މަސައްކަތްތަކަށް އދން ފުރިހަމައަށް ތާޢިދުކުރާނެކަމަށެވެ.

މި އިންތިޚާބަކީ ގިނަ ފަރާތްތަކުން ބައިވެރިވާ މިނިވަން އިންތިޚާބަކަށް ހެދުމަށް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާ އިންތިޚާބުގައި ވޯޓުދޭ ފަރާތްތަކުންވެސް އިސް ދައުރެއް އަދާކުރަންޖެހޭކަން އދގެ މަންދޫބު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އަފްޣާނިސްތާނުގެ ގިނަ ރައްޔިތުން އުއްމީދުކޮށްގެން ތިބީ އެ ޤައުމުގައި މިހާރުކުރަމުންދާ ހަނގުރާމައަށް ދާއިމީ ޙައްލެއް ހޯދޭނޭ ދުވަހެއްގެ އިންތިޒާރުގައިކަމަށެވެ. އެހެންނަމަވެސް ސުލްޙައިގެ ބަދަލުގައި އެ ފަރާތްތަކުގެ މިނިވަންކަމާ ބައެއް އަސާސީ ޙައްޤުތައް ގެއްލިގެން ދިއުމަކީ އަފްޣާނިސްތާނުގެ ރައްޔިތުން ބޭނުންވާކަމެއް ނޫންކަމަށް އެނާ ވިދާޅުވިއެވެ.

މިމަހުގެ 28ވަނަ ދުވަހު އަފްޣާނިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ 2001ވަނަ އަހަރު އެމެރިކާއިން އެ ޤައުމަށް އަރާ، ހަނގުރާމަ ފެށިފަހުން އަފްޣާނިސްތާނުގައި ބާއްވާ 4ވަނަ ރިޔާސީ އިންތިޚާބެވެ.