ވިޔަފާރި

ޔޫއެންޑަބްލިއުޓީއޯގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން ބައިވެރިވެއްޖެ


ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަންގެ 23 ވަނަ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ 9 އިން 13 އަށް ރަޝިއާގެ ސެއިންޓް ޕީޓަސްބަރގްގައި ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު ޞާލިޙެވެ.

ޔުނައިޑަޓް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން، ޔޫއެންޑަބްލިއުޓީއޯގެ ޖެނެރަލް އެސެމްބްލީއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ބައްދަލުވުމެކެވެ.

މިއަހަރުގެ ބައްދަލުވުމުގައި ދުނިޔޭގެ 120 އަށް ވުރެ ގިނަ ޤައުމުން ބައިވެރިވެފައިވާއިރު، މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހައްލުތައް ހޯދުމެވެ.