ޚަބަރު

ރައީސް ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީގެ ދެ ރަށަކަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީގެ ދެރަށަކަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރު ބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަޑައިގެންފައިވަނީ ރ.މީދުއަށެވެ. ރައީސް މީދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މީދޫ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ވަނީ މަޝްވަރާކުރައްވާފައެވެ.

މީދުއަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގެންފައިވަނީ ރ.އަލިފުށްޓަށެވެ. މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ އަލިފުށްޓަށް ވަޑައިގަތުމުން އެރަށުންވެސް އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ. މި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ރ.އަތޮޅުގެ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

އަލިފުށްޓަށް ރައީސުލްޖުމްރިއްޔާ ކުރައްވާ މިދަތުރުފުޅުގައި އެރަށު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވެސް ހަމަޖެހިފައިވެއެވެ.