ކުޅިވަރު

ޗައިނާ އަތުން ބޮޑު ތަފާތަކުން ދިވެހިރާއްޖެ ބަލިވެއްޖެ


ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިންގައި ޗައިނާ އަތުން 5-0ގެ ބޮޑު ތަފާތަކުން ރާއްޖެ ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރާއްޖެ މެޗު ފެށީ ފާއިތުވެދިޔަ ދޮޅު އަހަރު ގައުމީ ޓީމުން ބާކީކޮށްފައިހުރި ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ހިމަނައިގެންނެވެ. ނަމަވެސް ފުރަތަމަ ހާފު ރާއްޖެ ނިންމާލީ 2-0އިންނެވެ.

ޗައިނާގެ ފުރަތަމަ ލަނޑު ޖެހީ 34 ވަނަ މިނިޓްގައި ޒީވޫއެވެ. މި ލަނޑު ޖެހީ ކެޕްޓަން އަކްރަމް އަބްދުލްގަނީ ޕެނަލްޓީ އޭރިޔާ ތެރެއަށް ވެއްޓިފައި އޮއްވައި ރެފްރީ ކުޅުން ކުރިއަށް ގެންދަނިކޮށެވެ. ޗައިނާގެ ދެ ވަނަ ލަނޑު ލެއި ވޫ ޖެހީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައެވެ.

ދެ ވަނަ ހާފުގައި ދަގަނޑޭގެ ބަދަލުގައި ރާއްޖެ ފެށީ ހަސަން ނާއިޒް (ދާދު) އަރުވައިގެންނެވެ. މިއާއެކު އެޓޭކް ވަރުގަދަވެ ރާއްޖެ އަށް ލިބުނު ހިލޭ ޖެހުން އަކްރަމް ފޮނުވާލުމުން ގޯލަށް ނުވަނީ ހުރަސް ދަނޑީގައި ޖެހިފައެވެ.

ޗައިނާއިން މި ހާފުގައި ޖެހި ތިން ގޯލުގެ ތެރެއިން ފުރަތަމަ ދެ ގޯލަކީ ލިބުނު ދެ ޕެނަލްޓީއިން ޖެހި ގޯލުތަކެކެވެ. ފޯވަޑް ޒޫ ޔަންގް ތިން ވަނަ ލަނޑު ޕެނަލްޓީ އަކުން ޖެހިއިރު ފަހު ދެ ގޯލު ޖެހީ ބްރެޒިލަށް އުފަން ފޯވަޑް އެލްކަސަންއެވެ. ރާއްޖެ މެޗުގެ ފަހު 10 މިނިޓް ކުޅުނީ ކެޕްޓަން އަކްރަމް ރަތް ކާޑު ދެއްކުމުން 10 ކުޅުންތެރިންނާއެކުގައެވެ.

ކުޅުނު ދެ މެޗުގެ ތެރެއިން ގުއާމް އަތުން މޮޅުވެ ރާއްޖެ މިވަގުތު އޮތީ ކޮލިފައިން ގްރޫޕް އޭގެ ހަތަރުވަނައިގައެވެ. އެއީ ޕޮއިންޓްގެ ގޮތުން ޗައިނާ އާއި ފިލިޕީންސް އަދި ސީރިއާއާ އެއްވަރުވެ ގޯލުގެ ތަފާތުންނެވެ. އެއްވަނާގައި ޗައިނާ އޮތްއިރު، ދެ ވަނަ ސީރިއާ އަށް ތިން ވަނަ ލިބެނީ ފިލިޕީންސްއަށެވެ