ޚަބަރު

ހަމަނުޖެހުންތަކުގެ ސަބަބުން ހޮންގްކޮންގްގެ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރަން ދަތި: ސަރުކާރު


ހޮންގްކޮންގްގައި މިހާރު އެރަށުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހޮންގްކޮންގްގައި މިހާރު ހުރި އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުން އުނދަގޫވާނެކަމަށް ހޮންގްކޮންގްގެ އިސްވެރިޔާ ކެރީ ލާމް ވިދާޅުވެއްޖެއެވެ.

ހޮންގްކޮންގްގައި މި އަހަރުގެ ކުރީކޮޅު މުޒާހަރާކުރަން ފެށީ އެ ރަށުގައި ޖިނާޢީ ކުށްކުރާ ފަރާތްތަކުގެ ޝަރީޢަތްތައް ޗައިނާގައި ހިންގުމަށް ގޮވާލާ ބިލެއް ހޮންގްކޮންގްގެ ސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރުމުންނެވެ. އަދި ހަމަނުޖެހުމާއި ޚިޔާލު ތަފާތުވުން ބޮޑުވެ، ހޮންގްކޮންގްގެ ސަރުކާރުން މި ބިލް އަނބުރާ ގެންދިޔަ ނަމަވެސް މި މުޒާހަރާތައްވަނީ ސަރުކާރާ ދެކޮޅަށްކުރާ މުޒާހަރާތަކަކަށް ބަދަލުވެފައެވެ. އެހެންނަމަވެސް، ހޮންގްކޮންގް ސަރުކާރުންވަނީ ރަސްމީކޮށް މި ބިލް އަނބުރާ ގެންގޮސްފައިވާކަން އިޢުލާނުކޮށްފައެވެ.

އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ހޮންގްކޮންގްގެ އިސްވެރިޔާ ކެރީ ލާމް ވިދާޅުވީ މިހާރު އެ ރަށުގައި ކުރަމުންދާ މުޒާހަރާތަކުގައި އެއްވާ މީހުން އެ ސަރަޙައްދުގައި ހަމަނުޖެހުންތައް ހިންގައިގެން ހޮންގްކޮންގްގައި ހުރި އިޖުތިމާޢީ މައްސަލަތަކަށް ޙައްލެއް ހޯދޭނެކަމަށް ޤަބޫލުކޮށްގެން ނުވާނެކަމަށެވެ. އަދި މި ހަމަނުޖެހުންތަކުގެ ސަބަބުން މުޖުތަމަޢުގައި މިހާރު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ދެބަސްވުންތައް އިތުރުވެ، ނަފުރަތާ ބައިބައިވުންތައް އިތުރުވެގެންދާނެކަމަށްވެސް ލާމް ވިދާޅުވިއެވެ.

ހޮންގްކޮންގްގެ އިސްވެރިޔާ އިތުރަށް ވިދާޅުވީ ބޭރު ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީސްތަކުން ހޮންގްކޮންގްގެ ދާޚިލީކަންކަމާ ބެހުމަކީ އެއްވެސް ޙާލެއްގައި އެ ރަށުގެ ސަރުކާރުން ބަލައިގަންނާނެކަމެއް ނޫންކަމަށެވެ. އަދި އެ ރަށުގެ ސަރުކާރުން އެއްވެސް ޤައުމަކަށް މި ފުރުޞަތު ނުދޭނެކަމަށްވެސް ލާމް ވިދާޅުވިއެވެ.

ލާމް މިހެން ވިދާޅުވެފައިމިވަނީ ހޮންގްކޮންގްއަށް ޑިމޮކްރަސީ ގެނައުމަށް އެހީވުމަށް އެދި އެ ރަށުގައި މުޒާހަރާކުރަމުންދާ ފަރާތްތަކުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.