ޚަބަރު

އަލީބާބާގެ ފައުންޑަރ އެ ކުންފުނީގެ ޗެއަރމަންކަމުން ވަކިވާން ނިންމައިފި


ޗައިނާގެ އެންމެބޮޑު އޮންލައިން ރީޓެއިލް ވިޔަފާރި ކުންފުނި، އަލީބާބާގެ އެއް ފައުންޑަރު ޖެކް މާ އެކުންފުނީގެ ޗެއަރމަންކަމުން ވަކިވާން ނިންމައިފިއެވެ. މިދިޔަ އަހަރު އާންމުކުރި ސިޓީއެއްގައި ޖެކް މާ ބުނެފައިވަނީ އޭނާގެ 55ވަނަ އުފަންދުވަހާ ދިމާކޮށް ރިޓަޔަރ ކުރައްވާނެކަމަށެވެ.

ޖެކް މާ ގެ އުފަންދުވަހަކީ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހެވެ. އޭނާ ރިޓަޔަރ ކުރެއްވުމުން ކުންފުނީގެ ބޯޑުގެ ޗެއަރމަންކަމާއި ދެން ޙަވާލުވެވަޑައިގަންނަވާނީ އެ ކުންފުނީގެ ސީއީއޯ ޑެނިއަލް ޒޭންގްއެވެ.

ޖެކް މާ އަކީ އިނގިރޭސި ޓީޗަރެއްގެ ވަޒީފާއިން ބޮޑު ވިޔަފާރި ކުންފުންޏެއްގެ ވެރިއަކަށްވެވަޑައިގެންނެވި ބޭފުޅެކެވެ. މިހެންކަމުން، މިއީ މީހެއްގެ ކާމިޔާބީއާއި ގުޅުވައިގެން ޗައިނާގައި ދެކެވޭ ވަރަށް މަޝްހޫރު ވާހަކައެކެވެ.

1999ވަނަ އަހަރު މާ އިތުރު މީހަކާ ގުޅިގެން ވިޔަފާރިކުރަންވަނީ ޗައިނާގެ ޒޭޖިއާންގް ޕްރޮވިންސްގެ ވެރިރަށް ހެންގްޒޯގައި ހުންނަ އޭނާގެ ގޭގައި އޮންލައިން ވެބް ޕޭޖެއް ހަދާފައެވެ. އެއަށްފަހު، އަލީބާބާ ފުޅާވެގެންގޮސް މިހާރު އެ ކުންފުނި ވެފައިވަނީ ދުނިޔޭގެ ފެންވަރުގައި ރީޓެއިލް ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުންޏަކަށެވެ. އަލީބާބާ ކުންފުނިން ކޮންޕިއުޓަރު ޑޭޓާ ރައްކާކޮށްދިނުމުގެ ވިޔަފާރި އާއި ޑިޖިޓަލް ބޭންކިންގްގެ ޚިދުމަތާއި މުނިފޫނިފިލުވުމުގެ ދާއިރާއިން އެ ކުންފުނީގެ ވިޔަފާރީގެ ޚިދުމަތް ލިބެމުންދެއެވެ.