ޚަބަރު

އިންޑިއާއިން ހަނދަށް ފޮނުވި އުޅަނދު ފެނިއްޖެ


އިންޑިއާއިން ފުރަތަމަ ފަހަރަށް ހަނދުގެ ދެކުނު ޕޯލަށް ފޮނުވި ޖައްވީ އުޅަނދުން އަލުން ފެނިފައިވާކަމަށް އިންޑިއާގެ ޖައްވާބެހޭ ދިރާސާކުރާ އިދާރާ އިންޑިއަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން (އިސްރޯ)އިން ބުނެފިއެވެ.

އެ އިދާރާއިން މިހެން ބުނެފައިވަނީ އިންޑިއާއިން ހަނދަށް ފޮނުވި ޖައްވީ އުޅަނދާ މުވާޞާލާތީ ގުޅުން ކެނޑި، އެ އުޅަނދު ގެއްލިފައިވާކަން ކަށަވަރުކޮށްދީފައިވާ ދަނޑިވަޅެއްގައެވެ. އިސްރޯއިން ބުނެފައިވަނީ މި އުޅަނދާ މުވާޞަލާތީ ގުޅުން ކެނޑުނީ އެ އުޅަނދު ހަނދުގައި ޖައްސަން ތައްޔާރުވަމުންދަނިކޮށްކަމަށެވެ.

މިކަމާ ގުޅިގެންކުރި ޓުވީޓެއްގައި އިސްރޯއިން ބުނެފައިވަނީ ހަނދު ވަށައިގެން ދައުރުކުރަމުންދާ އިންޑިއާގެ ސެޓަލައިޓަކުން ހަނދަށް ފޮނުވި އުޅަނދު ހޯދާފައިވާކަމަށެވެ. އަދި މިހާރު އިސްރޯއިން މަސައްކަތްކުރަމުންދަނީ ހަނދަށް ފޮނުވި އުޅަނދާއެކު މުވާޞާލާތީ ގުޅުން އަލުން ޤާއިމުކުރުމަށްކަމަށް އިސްރޯއިންވަނީ ބުނެފައެވެ. މި އުޅަނދު ފެނުނުއިރު މި އުޅަނދަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަން ނުވަތަ ނޫންކަން އެ އިދާރާއިން ބުނެފައެއްނުވެއެވެ.

މި އުޅަނދާ ގުޅުން ކެނޑުނު ނަމަވެސް ޖައްވީ އުޅަނދުން %90-%95 ދެމެދުގެ މިންވަރަކަށް ލަނޑުދަނޑިތައް ޙާޞިލުވެފައިވާކަމަށް އިސްރޯއިން ބުނެއެވެ.

މީގެ ކުރިން ހަނދަށް ޖައްވީ އުޅަނދުތައް ފޮނުވާފައިވަނީ އެމެރިކާ، ރަޝިޔާ އަދި ޗައިނާއިން އެކަންޏެވެ. މިއީ އެއްވެސް ޤައުމަކުން ހަނދުގެ ދެކުނު ޕޯލަށް ޖައްވީ އުޅަނދެއް ފޮނުވި ފުރަތަމަ ފަހަރެވެ.