ޚަބަރު

ތާލިބާނުންގެ ލީޑަރުންނާއެކު ދެން މަޝްވަރާތަކެއް ނުކުރެވޭނޭ: ޓްރަމްޕް


އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ޠާލިބާނު ޖަމާޢަތުގެ އިސްވެރިންނާއެކު އިތުރަށް މަޝްވަރާކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިމިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޠާލިބާނު ޖަމާޢަތުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިން ވަރުގަދަ ޙަމަލާއެއްގެ ސަބަބުން މި ހަފުތާގެ އާދިއްތަ ދުވަހު އެ ޤައުމުގެ ޠާލިބާނުންގެ އިސްވެރިންނާ ދެމެދު ބޭއްވުމަށް ރާވާފައިވާ ބައްދަލުކުރުންތައް ކެންސަލް ކުރެއްވުމަށްފަހުއެވެ. މި ޙަމަލާގައި 12 މީހުން މަރުވިއިރު މީގެ ތެރޭގައި އެމެރިކާ ސިފައިންގެ މީހަކުވެސް ހިމެނެއެވެ.

މިކަމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވީ ޠާލިބާނުންގެ އިސްވެރިންނާއެކު ދެން މަޝްވަރާ ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް.
އަދި މިކަމުގައި ދެން އެމެރިކާއިން ދެވަނަ ވިސްނުމަކަށް ނުދާނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ އަފްޣާނިސްތާނުގައި މިހާރު ތިބި 14،000 އެމެރިކާ ސިފައިން އެ ޤައުމުން ބޭލުމާމެދު އެމެރިކާގެ ސަރުކާރުން އަދިވެސް ވިސްނަމުންދާކަމަށާއި މިކަން އެމެރިކާއިން ކުރާނީ ވަގުތާ ޙާލަތާ ގުޅޭގޮތުންކަމަށެވެ.

އެމެރިކާއިން ބުނެފައިވަނީ ޠާލިބާނު ޖަމާޢަތުން އަފްޣާނިސްތާނުގައި ދޭ ޙަމަލާތައް އިތުރުކޮށްފައިވާތީ އެމެރިކާއިން އަފްޣާނިސްތާނުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައްވެސް އިތުރުކުރާނެކަމަށެވެ.