ޚަބަރު

އިސްރާއީލުގެ ޑްރޯން ވައްޓާލީ އަމިއްލަ ނަފްސުގެ ދިފާއުގައި: ހިޒްބުﷲ


ލުބުނާނުގެ ވައިގެ ސަރަޙައްދަށް ވަތް އިސްރާއީލުގެ ޑްރޯން ވައްޓާލީ ދިފާޢުގައިކަމަށާ އެކަމުގެ ސަބަބުން ދިފާޢީ އަށްޑަނަ ވަރުގަދަވާނެކަމަށް ލުބުނާނުގެ ހިޒްބުﷲ ޖަމާޢަތުގެ ވެރިޔާ ޝައިޚް ހަސަން ނަސްރުﷲ ވިދާޅުވެއްޖެއެވެ.

ލުބުނާނުގެ ޓީވީ ޗެނަލަކަށް ދެއްވި ބަސްދީގަތުމެއްގައި ނަސްރުﷲ ވިދާޅުވީ ލުބުނާނުގެ ދިފާޢުގައި އިސްރާއީލާ ކުރިމަތިލުމުގައި ރަތްރޮނގެއް ނޯންނާނެކަމަށާ އިސްރާއީލުން ލުބުނާނުގެ ސަރަޙައްދަށްވަދެ ޢުދުވާންހިންގާނަމަ ރައްދުގައި އިސްރާއީލުގެ ކޮންމެ ތަނަކަށްވެސް ޙަމަލާދޭނެކަމަށެވެ. ހިޒްބުﷲ ޖަމާޢަތުގެ ވެރިޔާ ވިދާޅުވީ އެކަމުގެ ޙައްޤު ހިޒްބުﷲއަށް އޮންނާނެކަމަށެވެ.

ހޯމަދުވަހު ލުބުނާނުގެ ވައިގެ ސަރަޙައްދަށް ވަތް އިސްރާއީލުގެ ޑްރޯނެއް ވައްޓާލިކަން ހިޒްބުﷲއިން ކަށަވަރުކޮށްދީފައިވާއިރު އިސްރާއީލުން އެކަމާގުޅިގެން ވަކި އެއްޗެއް ބުނެފައެއްނުވެއެވެ. އެހެންނަމަވެސް އިސްރާއީލު ސިފައިން ބުނެފައިވަނީ އެއީ ޓެކްނޮލޮޖީގެ ގޮތުން އެހާ މަތީފެންވަރުގެ ޑްރޯނެއްނޫންކަމަށާއި އެ ޑްރޯންގެ ޓެކްނޮލޮޖީއާއި އޭގައިވާ މައުލޫމާތު ހިޒްބުﷲއަށް ލިބުމަކީ އިސްރާއީލު ކަންބޮޑުވާކަމެއްނޫންކަމަށެވެ.

އިސްރާއީލުގެ ޑްރޯން ވައްޓާލީ ލުބްނާނުގެ ވައިގެ ސަރަޙައްދަށްވަދެ ލުބުނާނުގެ ރާމިޔާއަށް ދަތުރުކުރަމުން ދަނިކޮށްކަމަށް ހިޒްބުﷲއިން ބުނެފައިވެއެވެ. މިދިޔަ މަހުގެ ފަހުކޮޅު އިސްރާއީލުގެ ތިން ޑްރޯން ލުބްނާނުގެ ވައިގެ ސަރަޙައްދަށްވަދެ، ދިން ޙަމަލާތަކާއި ގުޅިގެން ހިޒްބުﷲއިންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް އިސްރާއީލުގެ އަސްކަރީ ބައެއްތަންތަނަށް މިދިޔަ ހަފުތާގައި ރޮކެޓު ޙަމަލާތަކެއް ދީފައެވެ.