ޚަބަރު

ބާ ކައުންސިލުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމާއިއެކު ބަޖެޓް ދޫކުރެވޭނެ - ފިނޭންސް މިނިސްޓްރީ


ބާ ކައުންސިލުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމާއެކު މިހާރުވެސް އެ ކައުންސިލުގެ ބަޖެޓް ދޫކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ބާ ކައުންސިލުގެ މަސައްކަތްކުރުމަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ބަޖެޓް ނުލިބުންކަމަށް ބާ ކައުންސިލް ރައީސް މައުމޫން ހަމީދު ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ ބާ ކައުންސިލުން ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމާއެކު ބަޖެޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށާ، ކައުންސިލުން ހުޅުވަންޖެހޭ އެކައުންޓް ހުޅުވުމާއި މިނޫންވެސް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަވުމުން ބަޖެޓް ދޫކުރައްވާނެކަމަށެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ ކައުންސިލުން އެދިފައިވާ ވަރަށް ބަޖެޓް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ބާ ކައުންސިލުން އެކުލަވާލަން ޖެހޭ ހުރިހާ ޤަވާޢިދެއް އަންނަ މަހުގެ 12 ގެ ކުރިން އެކުލަވާލަން ޖެހެއެވެ. މި ޤަވާއިދުގައި، ވަކީލުންގެ އަޚުލާގީ މިންގަނޑާއި އިސްތިއުނާފްގެ ކަންކަމާއި އިސްލާހީ ފިޔަވަޅުތައް އެޅުމާއި ލައިސަންސްއާއި ރަޖިސްޓްރޭޝަން ފަދަ ކަންކަން ހިމެނެއެވެ.

ބާ ކައުންސިލުން ދަނީ އަންނަ އަހަރަށް އެކައުންސިލްގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ މަސައްކަތް ކައުންސިލުން މިހާރު ކުރަމުންދާއިރު، އަންނަ އަހަރު ހިންގާނެ ބައެއް ޕްރޮގުރާމްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރަމުންދާކަމަށެވެ. ބާ ކައުންސިލަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުންގެ އެންމެހާ ކަންކަން ބެލެހެއްޓުމަށް އުފައްދާފާއިވާ ކައުންސިލެކެވެ.