ޚަބަރު

ބްރެކްސިޓްގެ މަޝްވަރާތައް އަޔަލަންޑްގެ ބޮޑުވަޒީރާ ކުރައްވައިފި


އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވުމާމެދު އަޔަލެންގެ ބޮޑުވަޒީރު ލިއޯ ވަރަޑްކާ އާއިއެކު އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތަކަށްފަހު ދެބޭފުޅުން ވެސް ވިދާޅުވެފައި ވަނީ ވާހަކަތަކުން މާބޮޑު ކުރިއެރުމެއް ނުލިބޭކަމަށެވެ.

މިއަންނަ އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހު އިނގިރޭސިވިލާތުގައި އާ އިންތިޚާބެއް ބޭއްވުމަށް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ބޮޑުވަޒީރު ޖޯންސަންވަނީ ވިދާޅުވެފައެވެ. ނަމަވެސް އާންމު އިންތިޚާބެއް ބޭއްވޭނީ އިނގިރޭސި ޕާލިމެންޓްގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން އެކަން ފާސްކޮށްފިނަމައެވެ. އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގައިތިބި އިދިކޮޅު މެންބަރުން ބުނެފައިވަނީ އެއްބަސްވުމަކާނުލާ ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް ތާޢީދު ނުކުރައްވާނެކަމަށެވެ. މިހެންކަމުން އާ އިންތިޚާބެއް ބާއްވަން ޤާނޫނު ހަދާ މަޖްލީހުގެ މެންބަރުން ތާޢީދުކުރައްވާނެކަމަށް ނުބެލެވެއެވެ.

އިނގިރޭސި ޕާލިމެންޓަށް ހުށަހެޅިފައި އޮތް ބިލެއް މިހާރު ވަނީ ހޯމަ ދުވަހު ޤާނޫނަކަށް ވުމުގެ މަގުމަތީގައެވެ. އެ ބިލް ޤާނޫނަކަށް ވެއްޖެނަމަ ބޮޑުވަޒީރު ޖޯންސަންއަށް އީޔޫ އިން ވަކިވުމުގެ މުއްދަތު އޮކްޓޯބަރު 31ގެ ފަހުން އިތުރު 3 މަސްދުވަހަށް ދެމިގެންދާނެއެވެ.