ޚަބަރު

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ނުއުފެއްދުމަށް މޯދީ ގޮވާލައްވައިފި


އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް އުފެއްދުން ހުއްޓާލުމަށާއި ޕްލާސްޓިކްގެ ސަބުބުން ތިމާވެށި ތަޣައްޔަރުވުން ކުޑަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލައްވައިފިއެވެ.

އިންޑިއާއިން މިހާރު ޤަޞްދުކޮށްފައިވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ކޮތަޅާއި، ޖޯޑު އަދި ޖޫސްބޯ ހޮޅި އުފެއްދުން ހުއްޓާލުމަށެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ސަބަބުން އެންމެ ބޮޑަށް ތިމާވެށި ތަޣައްޔަރުވެފައިވާ ޤައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނެއެވެ.

މަހަތްމާ ގާންދީގެ އުފަންދުވަހާ ދިމާކޮށް މޯދީ މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ 2022ވަނަ އަހަރު އަންނަންވާއިރަށް އެއްފަހަރުން އުކާލެވޭ ޕްލާސްޓިކުގެ 6 ބާވަތެއް އުފެއްދުން އެއްކޮށް ހުއްޓާލުމަށެވެ. ގާންދީގެ އުފަން ދުވަހަކީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހެވެ. ޕްލާސްޓިކްގެ ބަދަލުގައި އިންޑިޔާއިން ތިމާވެއްޓާ ރަށްޓެހި މާއްދާތައް އުފައްދާނެކަމަށާއި، ރައްކާތެރި ގޮތުގައި ޕްލާސްޓިކް ނައްތާލާނެ ވަޞީލަތްތައް ހޯދާނެކަމަށް މޯދީވަނީ ވިދާޅުވެފައެވެ. މޯދީ މިހެން ވިދާޅުވީ އދގެ 14ވަނަ ކޮންވެންޝަން ޓު ކޮންބެޓް ޑިޒާޓިފިކޭޝަން (ޔޫއެންސީސީޑީ)ގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުން ތިމާވެށި ތަޣައްޔަރުވެ ކަނޑުގެ ދިރުންތައް މަރުވެ، މަސްމަހާމެއްސަށް ޕްލާސްޓިކް ކެވުމުގެ ސަބަބުން އިންސާނުންނަށް ނޭދޭވޭ އަސަރުކުރާކަންވަނީ ހޯދިފައެވެ. މިހެންވެ، މިކަމުގެ ކަންބޮޑުން ގިނަބަޔަކުދަނީ ފާޅުކުރަމުންނެވެ.