އީރާނުން ތެޔޮ ގަންނަ ކޮންމެ ފަރާތަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުއަޅާނެކަމަށާ އެއްވެސް ފަރާތަކަށް ލުޔެއްނުދޭނެކަމަށް އެމެރިކާއިން ބުނެފިއެވެ.
އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި 2015ވަނަ އަހަރު އެ ޤައުމާ ދުނިޔޭގެ ބާރުތަކުން ޤާއިމުކުރި އެއްބަސްވުމުން 2018ވަނަ އަހަރު އެމެރިކާ ވަކިވުމަށްފަހު އެ ޤައުމުންދަނީ އީރާނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއްއަޅަމުންނެވެ. މިގޮތުން އެ ޤައުމުން މީގެ ތެރެއިން ގިނަ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އީރާނުގެ ތެލުގެ ސިނާޢަތަށްކަމަށްވާއިރު އެމެރިކާއިންވަނީ އީރާނުން ތެޔޮ ގަންނަ އެހެންޤައުމުތަކާ ދެކޮޅަށްވެސް ހަރުކަށި ފިޔަވަޅުއަޅާނެކަމުގެ އިންޒާރުދީފައެވެ. މިކަމުގެ ސަބަބުން އީރާނުން ތެޔޮ އެކްސްޕޯޓުކުރާ މިންވަރުވަނީ އަށްޑިހަ އިންސައްތަ ދަށަށްގޮސްފައެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ޓްރެޝަރީ އަންޑަރ ސެކްރެޓަރީ ފޮރ ޓެރަރިޒަމް އެންޑް ފައިނޭންޝިއަލް އިންޓެލިޖެންސް ސިގާލް މެންޑެލްކަރ ވިދާޅުވީ އެމެރިކާއިން އީރާނަށް ފިއްތުންތައް ކުރިމަތިކުރުވަމުންދާނެކަމަށާ އީރާނުން ތެޔޮގަންނަން ބޭނުންވާ އެއްވެސް ފަރާތަކަށް އެމެރިކާއިން ލުއިނުދޭނެކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ކުރިމަތިކުރުވަމުންދާ ފިއްތުންތަކުގެ ސަބަބުން އީރާނުގެ ތެލުގެ ވިޔަފާރީ ވަރަށްބޮޑަށް ދަށަށްގޮސްފައިވާކަމަށެވެ.
މީގެ އިތުރުން އީރާނުގެ އަސްކަރިއްޔާގެ ބާރުގަދަ ގޮތްޕެއްކަމަށްވާ އެ ޤައުމުގެ ރިވެލޫޝަނަރީ ގާޑުންނާއެކު ވިޔަފާރީގެ މުޢާމަލާތްތައްކުރާ ފަރާތްތަކާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައްއަޅާނެކަމަށް އެމެރިކާގެ އޮފިޝަލު ވިދާޅުވިއެވެ.