ޚަބަރު

ބޮރިސް ޖޯންސަން ޖަލަށް ލެވިދާނެކަމަށް ބުނާ ވާހަކައަކީ ބޮޑު ޖޯކެއް: އިނގިރޭސި ޚާރިޖީވަޒީރު


ވިލާތުގެ އިއްތިޙާދުން ވަކިވުމަށް އިނގިރޭސިވިލާތްކުރަމުންދާ މަސައްކަތް ދިގުދަންމާލުމަށް ފާސްކުރި ޤާނޫނަށް ޢަމަލުނުކޮށްފިނަމަ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ޖަލަށްދާންޖެހިދާނެކަމަށް ދެކެވޭވާހަކައަކީ ބޮޑު ޖޯކެއްކަމަށް އިނގިރޭސި ޚާރިޖީވަޒީރު ޑޮމިނިކް ރާބް ވިދާޅުވެއްޖެއެވެ.

ސްކައި ނިއުސްއާ ވާހަކަދައްކަމުން ރާބް ވިދާޅުވީ އިނގިރޭސި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ޤާނޫނީ ހުދޫދުގެ ތެރެއިންކަމަށެވެ. އިނގިރޭސިވިލާތުގެ ނޫހަކުން ރިޕޯޓުކޮށްފައިވާގޮތުގައި ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާގުޅޭ އެއްބަސްވުން ނާކާމިޔާބުވެއްޖެނަމަ އިނގިރޭސިން ވިލާތުގެ އިއްތިޙާދުގައި ދެމިއޮތުމަށް ޤާނޫނުހަދާ މަޖިލީހުން ފާސްކުރި އިސްލާޙާއި ބޮޑުވަޒީރު ބޮރިސް ދެކޮޅު ހައްދަވާނެކަމަށެވެ. ބޮރިސްއާއި ޙަވާލާދީ އެ ނޫހުން ބުނެފައިވަނީ އެ އިސްލާޙަކީ އޭގެ ޒާތުގައި ޢަމަލުކުރުން ލާޒިމުނޫން އެއްޗެއް ކަމަށެވެ.

ސްކައި ނިއުސްއާ ވާހަކަދައްކަވަމުން ރާބް ވިދާޅުވެފައިވަނީ ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވީނަމަވެސް، ބޮޑުވަޒީރު ޖޯންސަންގެ ވިސްނުންފުޅަކީ މިހާރު ވިލާތުގެ އިއްތިޙާދުން ވަކިވުމަށް ކަނޑައަޅާފައިވާ ތާރީޚުކަމުގައިވާ އޮކްޓޯބަރު 31ވަނަ ދުވަހު ވިލާދުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުންކަމަށެވެ.

އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ކޮންޓްރޯލް ޖޯންސަންއަށް ގެއްލިފައިވާއިރު އޭނާ ބޭނުންވާގޮތަށް އަވަސް އިންތިޚާބެއް ބޭއްވުން ޤާނޫނުހަދާ މަޖިލީހުންވަނީ ހުއްޓުވާފައެވެ. އެހެންނަމަވެސް، ރާބް ވިދާޅުވެފައިވަނީ ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވާން ނިންމާފައިވާ ނިންމުމަށް އެއްވެސް ދުލެއްނުދީ ތަންފީޒުކުރާނެކަމަށެވެ.

ޚާރިޖީވަޒީރުވަނީ މިއީ އިނގިރޭސި ސަރުކާރަށް އުނދަގޫ ދުވަސްކޮޅެއްކަމަށް އެއްބަސްވެވަޑައިގެންފައެވެ. ރާބް މި މޭރުމުން ވާހަކަދައްކަވާފައިމިވަނީ މަސައްކަތާއި ޕެންޝަނާބެހޭ ވަޒީރު އެމްބަރ ރުޑް ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވާފައިވަނިކޮށެވެ.