އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައިގައި އެ ޤައުމާ އެމެރިކާއާ ދެމެދު ބާއްވާ މަޝްވަރާ ވާހަކަތައް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ނުވަތަ ހަފުތާއެއް ތެރޭގައި އަލުން ފެށިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ. އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައިގައި އެ ޤައުމާއި އެމެރިކާއާ ދެމެދު އެންމެފަހުން މި ފަދަ މަޝްވަރާތަކެއް ބާއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުއެވެ.
މި އަހަރުގެ ޖޫން މަހު ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ބޭއްވި ކުއްލި ބައްދަލުކުރެއްވުމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުންއާ ދެބޭފުޅުން ދާދި އަވަހަށް ފަންނީ މަޝްވަރާތައް އަލުން ފެށުމަށް އެއްބަސްވެވަޑައިގެންފައެވެ. އެހެންނަމަވެސް މިކަމުގެ ޢަމަލީ މަސައްކަތްތަށް އަދިވެސް ފަށާފައެއްނުވެއެވެ.
އެމެރިކާގެ އޭ.ބީ.ސީ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އެމެރިކާގެ ޚާރިޖީވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ އުތުރު ކޮރެއާގައި ހުރި ނިއުކްލިޔަރ ހަތިޔާރު ނައްތާލަންބޭނުންވެގެން އެ ޤައުމުގެ ސަރުކާރުން މަސައްކަތްކުރާކަމަށާ، މިއީ އުތުރު ކޮރެއާގެ ޒަޢީމް ކިމްގެ އިރުޝާދުގެ ދަށުން ކުރަމުންދާ މަސައްކަތެއްކަމަށެވެ. ޕޮމްޕެއޯ ވިދާޅުވީ އެމެރިކާއިން އުއްމީދުކުރަނީ ކުރިއަށްއޮތް ދެތިން ދުވަހުގެ ތެރޭގައި ނުވަތަ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ދެ ފަރާތުން އަނެއްކާވެސް މަޝްވަރާގެ މޭޒުދޮށަށް ދާނެކަމަށް ބެލެވޭކަމަށެވެ. އަދި މިއީ މިކަމުގެ އެންމެ ރަނގަޅު އަދި ހަރުދަނާ ނަތީޖާއަށް ވެގެންދާނެކަމަށްވެސް އެމެރިކާގެ ޚާރިޖީވަޒީރު ވިދާޅުވިއެވެ.
ވޭތުވެދިޔަ ހަފުތާތަކުގައި އުތުރު ކޮރެއާއިންވަނީ އެތައްފަހަރެއްގެ މަތިން ކުރުރާސްތާ ބެލިސްޓިކް މިސައިލްތައް ޓެސްޓްކޮށްފައެވެ. މިކަމާ ގުޅޭގޮތުން ޕޮމްޕެއޯ ވިދާޅުވީ މި ޓެސްޓްތަކާމެދު އެމެރިކާއިން ހިތްހަމަނުޖެހުނަސް މިއީ އެމެރިކާއާއި އުތުރު ކޮރެއާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ޚިލާފުވާފަދަ ޓެސްޓްތަކެއްނޫންކަމަށެވެ.