ސިޔާސީ

ޕީއެންސީގެ ނާއިބު ރައީސްކަމަށް ނިމާލް ޢައްޔަންކޮށްފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނާއިބު ރައީސްކަމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް ޢައްޔަންކޮށްފިއެވެ. ނިމާލް މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ މިދިޔަ މަހު ޕީއެންސީގެ ނާއިބު ރައީސްކަމުން ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު އިސްތިއުފާދެއްވުމާއި ގުޅިގެން އެ މަޤާމު ހުސްވުމުންނެވެ.

ޕީއެންސީގެ ނާއިބު ރައީސްކަމަށް ނިމާލް ޢައްޔަންކުރީ އެޕާޓިގެ ކައުންސިލް މެންބަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުންނެވެ.

ނިމާލް ވަނީ ކރީގެ ސަރުކާރުގައި ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ސިޔާސީ މަޤާމެއްވެސް ފުރުއްވާފައެވެ. ޕީއެންސީގައި 4 ނާއިބު ރައީސުން ތިއްބާވާއިރު އެ މަޤާމުގައި ތިއްބަވަނީ ކުރީގެ ލަންކާގެ ސަފީރު މުޙައްމަދު ޙުސައިން ޝަރީފާއި، ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާޢު އާއި، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރެވެ.