ވިޔަފާރި

ޕައިލެޓުންގެ ހަޅުތާލާއެކު އިނގިރޭސިވިލާތުގެ ފްލައިޓްތައް ކެންސަލް!


އިނގިރޭސިވިލާތުގެ ބްރިޓިޝް އެއަރވޭސްގެ ޕައިލެޓުން މަސައްކަތް ހުއްޓާލުމަށްފަހު ދެ ދުވަހުގެ ހަޅުތާލެއް ފެށުމާއެކު، ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްކޮށްފިއެވެ.

ބްރިޓިޝް އެއަރވޭސްގެ ޕައިލެޓުން ހަޅުތާލުކުރަން ފަށާފައިވަނީ އެމީހުންގެ މުސާރާއި އެހެނިހެން އިނާޔަތްތަކުގެ މައްސަލާގައެވެ. ޕައިލެޓުންގެ ހަޅުތަލާއެކު ދިމާވެދާނެ މައްސަލަތައް ހައްލުކުރުމަށް ބްރިޓިޝް އެއަރވޭސްއިން ވަނީ ފަސިންޖަރުންނަށް އެހެން އެއަރލައިންތަކުން ދަތުރުތައް ހަމަޖައްސާދީފައެވެ. ނަމަވެސް މިއަދާއި މާދަމާ އިނގިރޭސިވިލާތުން ފުރުމަށް ހަމަޖެހިފައިވާ ގިނަ އަދަދެއްގެ ބްރިޓިޝް އެއަރވޭސްގެ ފްލައިޓްތައް ކެންސަލްކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި ކުރިއަށް އޮތްތާނގައިވެސް އިތުރު ފްލައިޓްތައް ކެންސަލް ކުރަންޖެހިދާނެކަމަށް ބްރިޓިޝް އެއަރވޭސްއިން ބުނެއެވެ.

ޕައިލެޓުންގެ ހަޅުތާލާއެކު ބްރިޓިޝް އެއަރވޭސްއިން ބުނީ އެކަމާ ގުޅޭގޮތުން ޕައިލެޓުންގެ އެސޯސިއޭޝަން ބަލްޕާއާއެކު ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް މަޝްވަރާކުރަމުންދާކަމަށެވެ. އަދި ބަލްޕާއިންވެސް ވަނީ މަޝްވަރާކުރަން ތައްޔާރަށް އޮތްކަމަށް ބުނެފައެވެ.

ޚަބަރުތައް ބުނާގޮތުން ޕައިލެޓުންގެ ހަޅުތާލުގައި ގާތްގަނޑަކަށް ހަތަރު ހާހެއްހާ ޕައިލެޓުން ދަނީ ބައިވެރިވަމުންނެވެ. އަދި ސޯޅަ ސަތޭކައަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ޕައިލެޓުން ހަޅުތާލުކުރަން ނިންމީ މުސާރައިގައި މައްސަލައިގައި ހައްލެއް ނުލިބި، ދިގުލައިގެން ދިއުމުންކަމަށް ޕައިލެޓުންގެ އެސޯސިއޭޝަނުން ބުނެއެވެ. ނަމަވެސް ބްރިޓިޝް އެއަރވޭސްއިން ކުރިން ބުނީ ޕައިލެޓުންގެ ހަޅުތާލަކީ އެއްވެސް ސަބަބެއް އޮވެގެން ކުރާ ކަމެއް ނޫންކަމަށާއި އެއީ ކުންފުންޏަށް ގެއްލުން ދިނުމުގެ ގޮތުން ކުރާކަމެއްކަމަށެވެ.

ޙަބަރުތައް ބުނާގޮތުން ޕައިލެޓުންގެ ހަޅުތާލުގެ ސަބަބުން ބްރިޓިޝް އެއަރވޭސްއަށް ކޮންމެ ދުވަހަކު 40 މިލިއަން ޕައުންޑުގެ ގެއްލުންވާނެއެވެ.