ކުޅިވަރު

"މޮންގޯލިއާ ޓީމަށް ރަނގަޅު ކާމިޔާބީއެއް ލިބުނީ އެ ޤައުމުގައި 3 އެކްސް 3އަށް އޮންނަ ފޯރީގެ ސަބަބުން"


މޮންގޯލިއާގެ އަންހެން ޓީމާއި ފިރިހެން ޓީމަށް މިފަހަރުގެ ތްރީ އެކްސް ތްރީ ފީބާ އޭޝިޔާ ކުއެސްޓްގައި ރަނގަޅު ކާމިޔާބެއް ލިބުމުގެ މައިގަނޑު ސަބަބަކީ އެ ޤައުމުގައި ތްރީ އެކްސް ތްރީ އަށް އޮންނަ ފޯރިކަމަށް މޮންގޯލިއާ އަންހެން ޓީމްގެ ކެޕްޓަން ކުލާން އޮލޮންބަޓާރު ބުނެފިއެވެ.

ތްރީ އެކްސް ތްރީ ފީބާ އޭޝީޔާ ކުއެސްޓްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދައި ތްރީ އެކްސް ތްރީގެ ވޯލްޑް އޭޝިޔާ ކުއެސްޓުން މޮންގޯލިޔާގެ ފިރިހެން ޓީމް ޖާގަ ހޯދިއިރު، އަންހެން ޓީމްވަނީ މިފަހަރުގެ މުބާރާތުގެ ދެވަނަ ހޯދާފައެވެ.

އަންހެން ޓީމްގެ ކެޕްޓަން ކުލާން އޮނޮލްބަޓާރު ބުނީ މޮންގޯލިއާގައި އެންމެ ގިނަ މީހުން ކުޅެނީ ތްރީ އެކްސް ތްރީކަމަށާއި، މިކަހަލަ މުބާރާތަކަށް އައިސް ބިޔަ ކުޅުންތެރިންނާއި ދެކޮޅަށް ކުޅެން ޖެހުމަކީ އައުކަމެއް ނޫންކަމަށެވެ. މި މުބާރާތުން ރަނގަޅު ނަތީޖާއެއް ނެރުމަށް ފަސޭހަވި މައިގަނޑު ސަބަބަކީ މިއީކަމަށްވެސް އޭނާ ބުންޏެވެ.

ކުލާން ބުނީ އޭޝިޔާ ކުއެސްޓްގައި ވާދަކުރާ ކުޅުންތެރިންގެ ފެންވަރު ރަނގަޅުވަމުން އަންނަކަމަށާއި، ކޮންމެ އަހަރަކުވެސް ތަފާތު ފޯރިގަދަ މެޗުތަކެއް ފެންނަކަމަށެވެ. މިފަހަރު ރާއްޖޭގައި މި މުބާރާޓ ކުޅެން ލިބުމަކީ ހަޔާތުގެ އެންމެ ތަފާތު ތަޖުރިބާކަމަށާއި، ދުވަހަކުވެސް މި މުބާރާތް މަތިން ހަނދާން ނައްތާނުލެވޭނެކަމަށް ވިހި އަހަރުގެ ކުލާން ބުންޏެވެ.

"އަހަރެން ދުވަހަކުވެސް މި މުބާރާތުގެ މަތިން ހަނދާން ނުނެތޭނެ. ހުރިހާ ގޮތަކުންވެސް މި މުބާރާތް ޚާއްސަ، ބޮޑު ކާމިޔާބެއް ލިބުނު، ހިތްގައިމު މާހައުލެއް، އެހާމެ އިންތިޒާމްތައް ރަނގަޅު. ޓީމްތައްވެސް ވަރަށް ވާދަވެރި. މިއީ ކުރިއަށް ހުރި މުބާރާތްތަކާއި ކުރިމަތިލާއިރު ލިބުނު ބޮޑު ހިތްވަރެއް. ބޭނުންވީ މޮންގޯލިއާއިން ވާދަކުރި ދެ ޓީމްވެސް ގޯލްޑް ހޯދަން. އެކަމަކު ރަން މެޑައްޔަކާއި ރިހި މެޑައްޔެއް ލިބުމަކީ ރަނގަޅު ކާމިޔާބެއް"