ޚަބަރު

ޓެކްސީ މީޓަރު ތަޢާރަފްކުރުމުގެ ވިސްނުމެއް މިވަގުތު ނެތް - މިނިސްޓަރ ނަހުލާ


ޓެކްސީ ދަތުރުތަކަށް އެންމެ އެކަށީގެންވަނީ ޓެކްސީ އެޕްލިކޭޝަން ބޭނުންކުރުންކަމަށާ، ޓެކްސީ މީޓަރު ތަޢާރަފްކުރުމުގެ ވިސްނުމެއް މިހާރު ނެތްކަމަށް މިނިސްޓަރ އޮފް ޓްރާސްޕޯޓް އެންޑް ކޮމިއުނިކޭޝަން ޢާއިޝަތު ނަޙުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އެމިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވުމަށްބޭއްވި "ނުވަގަޑި މީޑިއާއާއެކު" ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލޭ ސަރަޙައްދުތަކުގައި ޓެކްސީ ޚިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ޢަމަލުކުރަން ފަށާފައިވާއިރު، މިހާތަނަށްވެސް ޓެކްސީ މީޓަރު ތަޢާރަފު ނުކުރެވުން އެއީ ކަންބޮޑުވާކަމެއްކަމަށް ޓެކްސީ ޑްރައިވަރުން ތަމްސީލްކުރާ ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަންގެ ފަރާތުން ވަނީ ބުނެފައެވެ. ސަރުކާރުން ކަނޑައެޅި އަގުތަކާއި ގުޅިގެން ޓެކްސީ ޑްރައިވަރުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާއިރު، އެ ޑްރައިވަރުންވަނީ ޓެކްސީ މީޓަރު ތަޢާރަފްކުރުމަށް ބާރުއަޅާފައެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީންވަނީ ޓެކްސީ ޑްރައިވަރުންނަށާއި، ފަސިންޖަރުންނަށް އެންމެ ފައިދާކުރާ ގޮތަށް ސިޔާސަތުތައް ކަނޑައަޅާމުންދާކަމަށް ވިދާޅުވެފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވީ، ވަކި ޤަވާޢިދަކަށް ޓެކްސީގެ އަގުތަށް ކަނޑައަޅާ އެޕްލިކޭޝަން މެދުވެރިކޮށް ޚިދުމަތް ދެމުންދާއިރު، އެ ނިޒާމު ގިނަ ޑްރައިވަރުން ޤަބޫލުކުރާކަމަށެވެ. މިނިސްޓްރީން ކުރިއަށްގެންދިޔަ ސާރވޭތަކާއި އެމިނިސްޓްރީން ބެލިބެލުމުން ޓެކްސީ މީޓަރު ގެނެސް ހަރުކުރުމަށްވުރެ މިވަގުތަށް އެންމެ ރަނގަޅު ޚިދުމަތެއް ދެވޭނީ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކުކަމަށް ޤަބޫލުކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޓެކްސީ އެޕްލިކޭޝަނަކީ މި ޚިދުމަތް ދިނުމުގައި އެންމެ ފަސޭހަ އަދި ފައިދާކުރާނެ ނިޒާމުކަން ފާހަގަކުރައްވައި ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވީ، ރައްޔިތުންނަށް ދެވޭ މި ޚިދުމަތަށް އިތުރަށް ކުރިއެރުން ގެނެވޭނީ ކުރިއަރާފައިވާ ޤައުމުތަކާއި ކުރިއަރަމުން އަންނަ ޤައުމުތަކުގައިވެސް ޢަމަލުކުރާ އުސޫލުން ޓެކްސީ އެޕްލިކޭޝަން ބޭނުންކޮށްގެންކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"މީޓަރުތޯ، އެޕްލިކޭޝަންތޯ، ކޮންމެވެސް އެއްގޮތަކަށް އަޅުގަނޑުމެން ޚިޔާރުކުރާނެކަމަށް ދަންނަވާފަވާނީ. އަޅުގަނޑުމެން ކުރި ސާރވޭތަކާއި ބެލިބެލުމުން މީޓަރުގެނެސް ހަރުކުރުމަށްވުރެ މިވަގުތު އަޅުގަނޑުމެންނަށް ޚިދުމަތްދޭން އެންމެ ފަސޭހަވާނީ ޓެކްނޮލިޖީއާއެއްކޮށްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޓެކްސީގެ އަގުތައް ކަނޑައެޅުމުން ގިނަ ޓެކްސީ ޑްރައިވަރުން އެކަން ޤަބޫލުކުރިކަމަށާއި، މަދު ޑްރައިވަރުންގެ ނުތަނަވަސްކަމެއް ހުރިނަމަވެސް ހުރިހާ ޑްރައިވަރުން ހިތްހަމަނުޖެހޭކަމަށް ބުނުމުގެ ޖާގައެއް ނެތްކަމަށެވެ. ޓެކްސީ ޑްރައިވަރުންގެ ތެރެއިން މަދުބަޔަކު ނިންމާ ނިންމުމެއްގެ ސަބަބުން ހުރިހާ ޓެކްސީ ޑްރައިވަރުން ބަދުނާމު ކޮށްގެން ނުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނިންމި ނިންމުން އެބޭފުޅުން ފޮލޯކުރަމުން އެބަގެންދޭ. އެހެންވީމަ އެކަން ހަމައަކަށްއެޅި ކުރިއަށް ހިނގަމުންއެދަނީ. އަޅުގަނޑު ޤަބޫލެއްނުކުރަން ޓެކްސީ ޑްރައިވަރުންނާ ކިޔައިގެން މިވާހަކަ އެޑްރެސްކޮށްގެންވާނެކަމަކަށް. އަޅުގަނޑުމެން ކަނޑައެޅި އަގުތަކާއި ނިންމި ނިންމުންތައް ގިނަ ޑްރައިވަރުން ޤަބޫލުކުރޭ." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީންކަނޑައެޅި އަގުތަކާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް 3 އެޕްލިކޭޝަނެއްގެ ޚިދުމަތް އަންނަނީ ދެމުން. މިނިސްޓްރީން ވިދާޅުވީ އިތުރު އެޕްލިކޭޝަންތައް ބޭނުންކުރުމަށްވެސް ހުއްދަ ދޭނެކަމަށެވެ.

މާލޭ ސަރަހައްދުގައި ޓެކްސީ ފެއަރގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅުއްވި އަގުތަކަށް ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނުން ފުރިހަމައަށް މަރުޙަބާ ކިޔާކަމަށް ވަނީ ބުނެފައެވެ. އަދި އެ އަގުތަކުގައި ޚިދުމަތް ދިނުމާމެދު އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށާއި، ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުގެ މައިގަނޑު ކަންބޮޑުވުމަކީ ޓެކްސީ މީޓަރުތައް މިއަދާ ހަމައަށްވެސް ތަޢާރަފުނުކުރެވުން ކަމަށް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.

ޓެކްސީ މީޓަރ ތަޢާރަފުކޮށް، އެ ހަރުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަކި މުއްދަތެއް ދެއްވައިފިނަމަ ސެންޓަރުތަކުން ތިބީ އަމިއްލަ ޚަރަދުގައިވެސް މީޓަރުތައް ހަރުކުރުމަށް ތައްޔާރަށް އެފަރާތުން ބުނެއެވެ.